ޚަބަރު

އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފި


  • ފޯމު ހުށައެޅޭނީ 28 ފެބްރުއަރީގެ ނިޔަލަށް

  • ޕާޓީތަކުން ހުށައަޅާނީ "ސެމެދަ ޕޯޓަލް" މެދުވެރިކޮށް

އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރަކަށްވުމަށް އެދި ހުށައެޅުމަށް ހުޅުވާލާފަވަނީ 28 ފެބްރުއަރީވާ ހޮނިހިރު ދުވަހުގެ 15:00ގެ ނިޔަލަށެވެ.

ފޯމު ބަލައިގަންނާނީ، އިލެކްޝަން ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އަމިއްލަގޮތުން ނުވަތަ ޖަމިއްޔާއަކުން ހުށައަޅާ ފަރާތެއްނަމަ، އެއްވެސް ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނުވާނެއެވެ.

ސިޔާސީ ޕާޓީއަކުންނަމަ ހުށައަޅާންވާނީ، ޕާޓީތަކުގެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އޮބްޒާވަރުންގެ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިޤުރާރުވާނީ އިލެކްޝަންގެ މައި.އިލެކްޝަން ޕޯޓަލް މެދުވެރިކޮށެވެ.

މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށައަޅާއިރު، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކުގެ މަޢުލޫމާތާއި އަދި މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންވާނެއެވެ.

"މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހިމެނޭނީ، ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް. އެއީ 621. ޕާޓީތަކުން އަދި ޖަމިއްޔާތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށައަޅާ އަދަދު، ފޮށީގެ ޢަދަދަށްވުރެ %10 އިތުރުވެގެން ނުވާނެ. އެއީ، 683". އީސީގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވިއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހުމުން އެކަން އީސީއިން އެސްއެމްއެސް އަދި ޕޯޓަލް މެދުވެރިކޮށްވެސް އަންގާނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފާސް ޑައުންލޯޑް ކުރެވޭނެއެވެ.