ޚަބަރު

ދަރަނި އެބަހުރި، އެއީ ދިވެހި ކުޅުންތެރިންނަށް ނުދެވިހުރި ފައިސާ: ނިއު


  • އެއީ އެންމެ ކުރީގެ މެނޭޖުމެންޓުގައި ހުރި ބައެއް ދަރަނި

  • ހަމަޖެހޭ ވަރަކުން ކޮންމެ މަހަކުވެސް އަންނަނީ ދަރަނި ދައްކަމުން

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ދަރަނި އަދިވެސް އެބަހުރިކަމަށާއި، ކުރީގެ ބައެއް ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދެވިވާކަމަށް އެކުލަބުން ބުނެފިއެވެ.

ކުލަބުގެ މެނޭޖުމެންޓް ބަދަލުވެގެން އައި އިރު ކުލަބަށް ވާރުވެފައިވާ ދަރަނީގެ ތެރެއިން ބޮޑު ބައެއް ދެއްކުމުގެ މަސައްކަތް އައު މެނޭޖުމެންޓުން ވަނީ ކޮށްފައެވެ. އަދި އެނބުރި ކުރީގެ ނިއުރޭޑިއަންޓުގެ ގޮތުގައި ނިކުމެ ކުޅުންތެރިންގެ އިތުބާރު ހޯދާ މުސާރައިގެ ކަންކަން ހަމަޖައްސައިގެން ކުލަބު ހިންގުމަށް އައު މެނޭޖުމެންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކުލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ އެންމެ ކުރީގެ މެނޭޖުމެންޓުގައި ހުރި ބައެއް ދަރަނި އަދިވެސް އެބަހުރި ކަމަށެވެ. އެއީ ބައެއް ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ކަމަށެވެ. ހަމަޖެހޭ ވަރަކުން މިއަންނަނީ އެ ފައިސާ ކޮންމެ މަހަކުވެސް ދެމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ދަތީގައި މިއުޅެނީ. ވަރަށް ގިނަ ސަޕޯޓަރުންތަކެއްގެ އަދި ސްޕޮންސަރުންނާއ އޭގެ ބޭރުންވެސް ވަރަށް ގިނަ ވިޔަފާރިވެރިންގެ މަދަދާއިވެސް އެއްކޮށް އަޅުގަނޑުމެން ކުރިޔަށް މިދަނީ. ދިވެހި ފުޓްބޯޅަ މިއޮތީ ވަރަށް ހާލުގައި ހަމަ ހަގީގަތުގައި. އެހެންވީމަ އަޅުގަނޑުމެން އައިސް މި ކުރާ މަސައްކަތުގައި މިހާރު ހަމަ ބޮޑު ބައެއް އަޅުގަނޑުމެންނަށް ވާނީ ނިންމާލެވިފައި" މުބީން ވިދާޅުވިއެވެ.

އެ ކުލަބުގެ ސީނިއާ ވައިސް ޗެއާމަން މުޖުތަބާ ޖަލީލު (މުޖޭ) ވިދާޅުވީ ކުލަބުގެ ސަޕޯޓަރުންނަށް މާޔޫސްވުމެއް ނެތް ކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި އެ ކުލަބުން މަސައްކަތް ކުރަނީ ކޮންމެ ދުވަހަކުވެސް ކުރިއެރުތަކެއް ގެނައުމަށް ކަމަށެވެ.

"ނިއުރޭޑިއަންޓް އޭގެ ޒާތުގައި އޮންނަ ގޮތަށް ކަންކަން ބައްޓަން ކުރުމަށް. އެގޮތުން ނިއުރޭޑިއަންޓް އޭގެ ޒާތުގައި ހިމެނޭގޮތަށް އިންވެސްޓްމެންޓުމެންޓްތަކެއް ކުރެވިގެންން އެބަދޭ ކުލަބަށް ސީދާ ފައިދާ ގޮތަށް، ކުލަބުގެ ރެވެނިއުގެ ގޮތުގައި ކޮންމެ މަހަކުވެސް" މިޖުތަބާ ވިދާޅުވިއެވެ.

އޭރަށް ހަމަ ޔަގީނުންވެސް ރާއްޖޭގައި މިކުޅޭ ހުރިހާ ދިވެހި ޕްލޭޔަރުން ލައިގެންވެސް ނިއުރޭޑިއަންޓަށް ދެމިއޮވެވޭވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އެ ފެންވަރުގައި ރާއްޖޭގައި ފުޓްބޯޅައިގެ ކަންކަމުގައި ކުރިޔަށް ނުދެވޭނަމަ މެނޭޖުމެންޓް ބަދަލުވާއިރު ކޮންމެ ފަހަރަކު މި ދަތިކަން އަންނާނެ، އަޑި އަޅައިގެންދާނެ ކުޅުންތެރިންނަށް މުސާރަނުދެވިދާނެ." މުޖުތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭރު ގައުމުތަކުގައި ކުލަބުތައް ހިންގާ ގޮތަށް ބަދަލުތައް ގެނެވިއްޖެނަމަ ރާއްޖޭގެ ކޮންމެ ކުލަބަކަށްވެސް ދެމެހެއްޓެނިވި އޮނިގަނޑެއްގައި ކުރިޔަށް ދެވޭނެ ކަމަށެވެ. އޭގެ މާނައަކީ ބޮޑު ހަރަދެއް ކުރުންނޫން ކަމަށާއި، ބޭނުންވާ ގޮތަކީ އެވްރެޖް ހަރަދެއް ކުރެވޭނެ މެކޭނިޒަމެއް ރޭވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.