ތިމާވެށި

މިއަދަކީ ދުނިޔޭގެ އޯޒޯން ދުވަސް


މިއަދަކީ ދުނިޔޭގެ އޯޒޯން ދުވަހެވެ.

އޯޒޯން ދުވަހަކީ، އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ނުރައްކާތެރި " އަލްޓްރާ ވައިލެޓް ރޭޑިއޭޝަން " އެކުލެވޭ އިރުގެ ދޯދިތައް، ދުނިޔެއާ ހަމައަށް ވާސިލްވުމަށް ހުރަސްއަޅަނީ އޯޒޯން ފަށަލައެވެ. އެހެންކަމުން މިއީ ދުނިޔެ ޙިމާޔަތްކޮށްދޭ ކުޑައެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެއެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކުގެ ސަބަބުން އެ ފަށަލަ ތުނިވެގެންދާކަން ފުރަތަމަ ފާހަގަކުރެވުނީ 1970 ގެ އަހަރުތަކުގައެވެ. އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކަކީ ކްލޮރިނޭޓަޑް، ފްލޮރިނޭޓަޑް އަދި ބްރޮމިނޭޓަޑް ހައިޑްރޯކާބަންސްއެވެ. މިފަދަ ގެއްލުންދޭ މާއްދާތަކަކީ އައިސްއަލަމާރިއާއި އެއާރކޮންޑިޝަން ފަދަ ފިނިކުރުމުގެ ނިޒާމްތަކުގަޔާއި، ސްޕްރޭ ތަކުގައި ގިނަ ޢަދަދަކަށް ބޭނުންކުރެވޭ މާއްދާތަކެކެވެ.

އޯޒޯން ފަށަލަ ތުނިވަމުން ދިޔުމުގެ ސަބަބުން އިންސާނީ ސިއްޙަތަށާއި، ގަސްގަހާގެއްސަށާއި، އެހެނިހެން ދިރޭތަކެއްޗަށް އަސަރުފޯރައެވެ. މިގޮތުން ނުރައްކާތެރި "އަލްޓްރާ ވައެލެޓް ރޭޑިއޭޝަން" އެކުލެވޭ އިރުގެ ދޯދިތަކުގެ ސަބަބުން އިންސާނުންނަށް ހަމުގެ ކެންސަރާއި ލޮލުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. ފަހުގެ ހޯދުންތައް ދައްކާގޮތުން، ދުނިޔޭގެ ދަނޑުގޮވާމުގެ 30 އިންސައްތައާއި، 50 އިންސައްތަ، ނެތިދަނީވެސް އަލްޓްރާ ވައިލެޓް ރޭޑިއޭޝަންގެ ސަބަބުންނެވެ. ވީމާ އޯޒޯން ފަށަލަ ތުނިވުމަކީ ދުނިޔޭގެ ދަނޑުވެރިކަމަށާއި، ގައުމުތަކުގެ އިގްތިސާދަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ދުނިޔޭގެ ޤައުމުތަކުން ތެދުވެފައިވަނީ 1987 ވަނަ އަހަރުއެވެ. އެއީ އދ އިން އެކުލަވާލި "މޮންޓްރިއަލް ޕްރޮޓޮކޯލް" ގައި ދުނިޔޭގެ ޤައުމުތަކުން ސޮއިކުރި ހިސާބުންނެވެ. "މޮންޓްރިއަލް ޕްރޮޓޮކޯލް" އަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރުން ހުއްޓުވުމުގެ މުޢާހަދާއެކެވެ. މިހާތަނަށް 197 ޤައުމުން މި މުޢާހަދާއަށް ޢަމަލުކުރަމުން ގެންދާއިރު، 1989 ވަނަ އަހަރުން ފެށިގެން  ރާއްޖެއިންވެސް އަންނަނީ މި މުޢާހަދާގައި ބައިވެރިވެ، މި ދާއިރާއިން ނަމޫނާ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް  އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، "ކްލޮރޯ ފްލޮރޯ ކާބަން" (ސީ.އެފް.ސީ) ގޭސް ބޭނުންކުރުން ހުއްޓާލި ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެއެވެ.

ރާއްޖެއިން ސީ.އެފް.ސީ ނައްތާލިކަން ހާމަކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ. މީގެއިތުރުން ފިނުކުރާ ނިޒާމްތަކުގައި ބޭނުންކުރަމުންދާ "ހައިޑްރޯ ކްލޮރޯ ފްލޮރޯ ކާބަން" (އެޗް.ސީ.އެފް.ސީ) ބޭނުން ކުރަން ހުއްޓާލުމަށް ޕްލޭނެއް އެކުލަވާލި ފުރަތަމަ ޤައުމަކީވެސް ދިވެހިރާއްޖެއެވެ. އަދި މި ޕްލޭނަށް މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އުފައްދާފައިވާ މަލްޓިލެޓަރަލް ފަންޑުން އެހީ ލިބުނު ފުރަތަމަ ގައުމަކީވެސް ދިވެހިރާއްޖެކަން ފާހަގަކުރެވެއެވެ.

(އެޗް.ސީ.އެފް.ސީ) ބޭނުން ކުރުން ހުއްޓާލުމުގެ ޕްލޭންގައި ރާއްޖެއިން އަމާޒު ހިފާފައިވަނީ 2020 ވަނަ އަހަރާ ހަމައަށް މުޅި ދިވަހިރާއްޖެއިން އެޗް.ސީ.އެފް.ސީ އެއްކޮށް ނައްތާލުމަށެވެ. މިޕްލޭންގެ ދަށުން 2011ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެޗް.ސީ.އެފް.ސީ އިމްޕޯރޓް ކުރުންވަނީ ކޮންޓްރޯލް ކޮށްފައެވެ. މިދިޔަ އަހަރު ސަރުކާރުން ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު ރާއްޖެއިން ޢަމަލުކުރަމުންދާ ގޮތާއި ބެހޭގޮތުން "ކްލައިމެޓް ޗޭންޖް ޕޮލިސީ"ގެ ނަމުގައި ސިޔާސަތެއް އެކުލަވާލައްވާފައެވެ. މި ސިޔާސަތުގައިވެސް  އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވެއެވެ.

އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ " އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނެއް ވަޖޫދަށް އައުމެވެ. މި ޤާނޫނު ވުޖޫދަށް އައީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 6 ވަނަ ދުވަހު، މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވި ހިސާބުންނެވެ. މި ޤާނޫނުގައި އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާ ތަކުގެ ތެރެއިން 20 މާއްދާއެއް ރާއްޖެ އެތެރެކުރުން މަނާކުރެވިފައިވެއެވެ. އަދި އެތެރެކުރުން ކޮންޓްރޯލް ކުރި ބާވަތްތައް 65 އަށް އިތުރުކުރެވުނެވެ.