އިޤްތިޞާދީ ދުޅަހެޔޮކަން

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އިންވެސްޓަރުންނަށް މިހާރު އެނގޭނެ


ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފޮރުވިގެން ނުތިބެ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދުނިޔެއަށް ހާމަކޮށްދޭން ކެރުނު ހަމައެކަނި ސަރުކާރަކީ ރާއްޖޭގައި މިހާރު މި އޮތް ސަރުކާރުކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިޔާ ޕީއެސްއެމަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކަށްވެސް އެފުރުޞަތު ލިބި، އޭގެ ބޭނުން ނުކުރިކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރަކުން ރާއްޖޭގައި ކްރެޑިޓް ރޭޓިންގ ހައްދަވާފައި ވާކަމަށާއި، އެހެންނަމަވެސް އެބޭފުޅުންނަށް ރޭޓިންގ ޝާއިޢުކުރަން ކެރިވަޑައިނުގެންނެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ސަޢީދު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓު ކުރާނީވެސް ރާއްޖޭގެ ޙާލަތާއި، ރާއްޖެއަށް އިންވެސްޓްކޮށްގެން އެ އިންވެސްޓްމަންޓްގެ ރިޓާން އެނގިގެން ކަމަށެވެ. އެކަމަށްޓަކައި ސޮވްރިން ކްރެޑިޓް ރޭޓިން ޢާންމުކުރުން މުހިންމުކަމުގައި ދުނިޔޭގެ ހުރިހާ ވިޔަފާރި ކޮމިއުނިޓީގެތަކަކުން ޤަބޫލު ކުރާކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ "މޫޑީސް އިންވެސްޓްމަންޓް ސަރވިސް" އިން ޢާންމުކުރި ސޮވްރިން ކްރެޑިޓް ރޭޓިންގައި ރާއްޖެއަށް ލިބުނީ "ބީ-ޓޫ" ރޭޓިންގއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުދި އިޤްތިޞާދުތައް ހިމެނޭ މި ރޭޓިން ރާއްޖެއަށް ދީފައިވަނީ، ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރިއަރާނެކަމަށް ލަފާކޮށްފައެވެ. ސޮވްރިން ކްރެޑިޓް ރޭޓިންއަކީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށާއި ބޮޑެތި އިންވެސްޓަރުން އިތުބާރުކުރާ އަދި މާލީ ނިންމުންތައް ނިންމުމުގައި ބަލާ މުހިންމު އެއް މިންގަނޑެވެ.