ދުނިޔެ

އިންޑިއާއިން އަފްޣާނިސްތާނަށް 1 ބިލިއަން ޑޮލަރުގެ އެހީއެއް


އަފްޣާނިސްތާން އާރާސްތުކޮށް، އެޤައުމުގައި ސުލްހަ ޤާއިމްކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެޤައުމަށް 1 ބިލިއަން ޑޮލަރު ދިނުމަށް އިންޑިއާގެ ސަރުކާރުން ވައުދުވެއްޖެއެވެ. މިކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާން ކުރައްވާފައިވަނީ މިހާރު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މޯދީއާއި އެކު ބޭއްވި ބައްދަލްވުމަށް ފަހު ނެރުއްވި ބަޔާނެއްގައެވެ.

މިދެބޭފުޅުންގެ ބައްދަލްވުމުގައިވަނީ ސަރަހައްދުގައި ސިޔާސީ މަޤްސަދުތައް ހާސިލްކުރުމަށްޓަކާ ބައެއް ފަރާތްތަކުން ޓެރަރިޒަމްގެ ހަމަލާތައް ދެމުންދާތީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައްދަލްވުމަށްފަހު އަފްޣާނިސްތާނުގެ ރައީސް ގަނީ ވިދާޅުވީ ހަރުދަނާ އިޤްތިސޯދެއް ބިނާކުރުމަކީ ޤައުމެއްގައި ސުލްޙަ ޤާއިމްކޮށް، ހަމަނުޖެހުންތައް ހުއްޓުވުމަށް މުހިއްމުކަމެއްކަމަށެވެ.

އިންޑިއާއިން އަފްޣާނިސްތާނަށް ފައިސާގެ އެހީ ދިނުމަށް އިއުލާންކޮށްފައި މިވަނީ މެދުތެރޭ އެޝިއާގެ ޤައުމުތައް ކުރިއަރުވާ އަރާސްތު ކުރުމަށްޓަކާ ބޭނުންވާ އެހީ ހޯދުމަށް މިއަންނަ އޮކްޓޫބަރުމަހުގެ ފަސްވަނަ ދުވަހު 70 ޤައުމާއި 30 ބައިނަލްއަޤްވާމީ އޯގަނައިޒޭޝަނުން ޑޯނާޒް ކޮންފަރެންސެއް ބޭއްވުމަށް އިއުލާންކޮށްފައި ވަނިކޮށެވެ.