ޚަބަރު

ފެނާއި ނަރުދަމާ ނިޒާމުގެ ޤައުމީ ސިޔާސަތު އިފްތިތާހުކޮށްފި


  • މި ސިޔާސަތު އިފްތިތާހުކޮށްދެއްވީ ވަޒީރު ޠާރިޤު އިބްރާހީމް

  • ފެނާއި ނަރުދަމާގެ ހިދުމަތްތައް ތަރައްގީކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެއް އެކުލަވާލާނެ

ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި އެކުލަވައިލި "ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ޤައުމީ ސިޔާސަތު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވައިލުން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް މުޅި ރާއްޖޭގައި ތަރައްގީކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެއް އެކުލަވާލުމަކީވެސް މި ސިޔާސަތުގެ ބޭނުމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިޔާސަތަކީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އޮނިގަނޑުގެ ދަށުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މި ސިޔާސަތުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ގުދުރަތީ މީރުފެން ރައްކާތެރިކުރުމާއި، ދާއިރާގެ ކުރިއެރުމަށް އައު އީޖާދުތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން، މި ދާއިރާއިން އިތުރު ދިރާސާތައް ކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމަށްވެސް މި ސިޔާސަތުގެ ދަށުން ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިޔާސަތު ތަންފީޒުވެގެން ދިއުމާއެކު، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ރޭވިފައވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަދި މުހިންމު މަސައްކަތެއް ކަމަށްވެސް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.