ހުޅުމާލޭގައި ހިލޭ ޤުރުޢާން ކުލާސްތަކެއް ފަށަން ހަމަޖެހިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ވިދާޅުވެއްޖެއެވެ.
މި ކުލާސްތައް ކުރިއަށް ގެންދާނީ އެޗްޑީސީއާއި އަލްއަސްރު ޖަމިއްޔާއާއި ގުޅިގެންނެވެ.
އެޗްޑީސީން ވިދާޅުވީ މި ކުލާސްތަކަކީ އެ ކޯޕަރޭޝަނާއި އަލްއަސްރު ޖަމިއްޔާއާއި ދެމެދު ހުޅުމާލޭގައި ޤުރުޢާން ކުލާސްތައް ހިންގުމަށާއި ދީނީ ދަރުސް ދިނުމަށް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ކްލާސްތަކެއްކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހަފްތާއަކު ފަސް ދުވަހު ކުލާސްތައް ކުރިއަށްގެންދާއިރު، ކޮންމެ ދުވަހަކު ހަތަރު ކުލާސް ބާއްވަން ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީއިން ވިދާޅުވިއެވެ.
ކުލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ހެނދުނާއި މެންދުރަށް ބަހާލައިގެން، އަންހެން ކުދިންނާއި ފިރިހެންކުދިން ވަކިންނެވެ. ކޮންމެ ސެޝަނެއްގައި 20 ކުދިންނަށް ޖާގަ ލިބޭނެކަމަށާއި، ކުލާސްތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށްކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކުލާސްތައް ކުރިއަށްދާނީ މަސްޖިދު ރަޝީދު އަދި މަސްޖިދު ޝައިޚް ޤާސިމްގައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުލާސްތައް ކުރިއަށްދާނީ މަސްޖިދު އުސްމާން އަދި މަސްޖިދު އީމާންގައެވެ. މި ކުލާސްތަކުގައި ބައިވެރިވުމަށް މިހާރުވަނީ ހުޅުވާލާފައެވެ.
އެޗްޑީސީއިން ވިދާޅުވީ މި ކުލާސްތަކަކީ ކުޑަކުދިން ޤުރުޢާނަށް ހިތްޖައްސައި އަހުލުވެރިކުރުމަށް ހިންގާ ކުލާސްތަކެއްކަމަށެވެ.