ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ ޤައުމީ މަގު ޗާޓު އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިމަގުޗާޓު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފެވެ.
ރާއްޖޭގައި ދިރިއުޅޭ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ ޤައުމީ މަގުޗާޓަކީ" 2026 އިން 2030ގެ ނިޔަލަށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މަގުޗާޓެކެވެ. މިމަގުޗާޓުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމަށް 5 ދާއިރާއަކުން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ތަޢުލީމާއި، ވަޒީފާގެ މައިދާނުގެ އިތުރުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކޮށްފައިވާ މާލެއާއި ރަށްރަށުގައި ހުންނަ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ލިބިގަތުމުގައި ޢިމާރާތްތަކަށް ވަދެނިކުތުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުން ހިމެނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން މީގެކުރިން މުޖުތަމަޢުގައި ހަވާސާވެފައި ތިބި ނަމަވެސް މިހާރު އެފަރާތްތަކުގެ ވާހަކަތައް ދެކެވޭ ނިސްބަތް އިތުރުވެފައިވާކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި މުޖުތަމަޢުގެ ލޯތްބާއި އަޅާލުމާއި އިޙްސާން ތެރިކަމަށްވުރެ ބޮޑަށް ޤައުމު ބިނާކުރުމުގައިވެސް ހިއްސާވެވޭނެ ބައެއްކަން މިއަދު ސާބިތުވަމުންދާކަމަށެވެ. އަދި އެކަމުގައި ސަރުކާރުން މިވޭތުވެދިޔަ 2 އަހަރު ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކުގެ މައްޗަށްވަނީ ބައްލަވާލައްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 300 އަށްވުރެ ގިނަ ވަޒީފާ މިފަދަ ކުދިންނަށް ހޯދައިދެވިއްޖެ. އެއީ ވޭތުވެދިޔަ 10 އަހަރާ އަޅާ ބަލާއިރުވެސް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިހާރަށްވުރެވެސް ބޮޑަށް މިފަރާތްތަކުގެ ޝާމިލުވުން އިތުރުކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގެ ތެރެއިންވަނީ ރާއްޖޭގައި ނުކުޅެދުންތެރިކަމުގެ ޙާލަތު އޮތްގޮތުގެ މައްޗަށް ޔޫއެންޑީޕީއާއި ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި "ސިޗުއޭޝަނަލް އެނަލިސިސް ރިޕޯޓު" އާންމުކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ރާއްޖޭގައި ހުންނަ އދ.ގެ އެކި ބަހާތަކުގެ ބޭފުޅުންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.