ތިމާވެށި

ކުނި މެނޭޖް ކުރުމަށް ފޮނަދޫގެ ގޭބިސީތަކަށް ޑަސްބިން ޙަވާލުކުރަނީ


ލ. ފޮނަދޫގައި ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އެރަށުގެ ގޭބިސީތަކަށް ޑަސްބިން ޙަވާލުކުރައްވަން ފަށްޓަވައިފިއެވެ.

ހައްދުންމަތީ ފޮނަދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރެއްވުމަށް ފޮނަދޫ ކައުންސިލާއި، ލާމު ފާރމާޒް ޑިވެލޮޕްމަންޓް ކޯރޕަރޭޓް ސޮސައިޓީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކުނިވާ ޒާތުގެ ކުންޏާއި، ކުނި ނުވާ ޒާތުގެ ކުނި ވަކިކުރެވި، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތް ދެ ފަރާތުން ގުޅިގެން ކުރަމުންދެއެވެ.

img:http://s4.psmnews.mv/images/660x400/14738651926535.jpg|ފޮނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑްގެ ހިލޭ އެހީގެ ދަށުން ފޮނަދޫގެ ކުނީގެ ކަންކަން ހައްލުކުރެއްވުމަށް ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަން ފޮނަދޫ ކައުންސިލުން ފާހަގަކުރައްވައެވެ. އެފަރާތްތަކުގެ އެހީތެރިކަމާއެކު ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ރައްޔިތުންނަށް ބާރު އެޅުމުގެ ގޮތުން މީހުން ދިރިއުޅޭ ގޭބިސީތަކަށް ޑަސްބިން ދޫކުރުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފައެވެ.

img:http://s1.psmnews.mv/images/660x400/14738651512481.jpg|ފޮނަދޫގެ ގޭބިސީތަކަށް ޑަސްބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޯޓޯ: ޕީއެސްއެމް

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ލާމު ފާރމާޒް ޑިވެލޮޕްމަންޓް ކޯރޕަރޭޓް ސޮސައިޓީގެ ޗެއަރމަން މުޙައްމަދު ޒާހިރު ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ޑަސްބިން ދޫކޮށްފައިވަނީ އެކަމަށް ޚާއްސަ އެގްރިމެންޓެއްގައި ސޮއިކުރުމަށްފަހު، އެ ސޮސައިޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި، ލާމު ފާރމާޒްގައި ފޮނަދޫގެ ގޭބިސީތަކުން ރަޖިސްޓްރީވަމުންދާ މިންވަރަކުން ޑަސްބިން ދޫކުރަމުންދާނެކަމަށެވެ. ޒާހިރު ވިދާޅުވީ، ފޮނަދޫގެ އާބާދީއަށް ބަލައި، 1500 ޑަސްބިން އެފަރާތުން ގެނެސްފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14738654656029.jpg|ފޮނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

ޒާހިރު ވިދާޅުވީ، އެ ސޮސައިޓީގެ ފަރާތުން ފޮނަދޫ ގޭބިސީތަކަށް ދޫކުރުމަށް 3 ވައްތަރެއްގެ ޑަސްބިން ގެނެސްފައިވާކަމަށެވެ. އޭގެ ތެރޭގައި، ގޭތެރޭގައި އުފެދޭ ކުނި އެޅުމަށާއި ފުޅިއާއި ދަޅު ފަދަތަކެތި އެޅުމަށް އަދި ބަދިގޭގައި އުފެދޭ ކުނި އެޅުމަށް ޚާއްސަ ޑަސްބިންތަކެއް ހިމެނޭނެކަމަށެވެ.

ލ. އަތޮޅަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކުރާ އަތޮޅަކަށްވެފައި، ކުނި ނައްތާލުމުގެ މަސައްކަތް ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ކުނި ބޭނުންކޮށްގެން ދަނޑުވެރިކަމަށް ބޭނުންވާ އެކިކަހަލަ ކާދުގެ ބާވަތްތައް ތައްޔާރުކޮށް، އެތަކެތި އަގުހެޔޮކޮށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްކަމަށް ލާމު ފާރމާޒްއިން ބުނެއެވެ. އަދި ގޭގެއިން ކުނި އުކާލުމުގެ މަސައްކަތް ކުރާނީ އެކަމަށް ކަނޑައަޅާފައިވާ ޙާއްސަ ފީއެއް ނަގައިގެންކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއެވެ.