ޚަބަރު

ފޮރިން މިނިސްޓަރ ކޮމަންވެލްތްގެ އެސްޖީއާ ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމް ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ ބައްދަލުކުރައްވައިފިއެވެ.

މިދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ  މިނިސްޓަރ ޢާސިމް މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ކޮމަންވެލްތް ސެކްރެޓޭރިއެޓްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކޮމަންވެލްތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށްޓަކައި ޚާއްސަކޮށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމުގެ ގޮތުން ދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14738600339221.jpg|މިނިސްޓަރ ޢާސިމް އިނގިރޭސި ވިލާތުގެ އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ ޗެއަރ އަދި އިނގިރޭސި ކޮންސަރވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރު ސަރ ޑޭވިސް އެމެސްއާއި މަޖިލިސް މެމްބަރު އިއާން ޕެއިސްލީއާ ބައްދަލުކުރައްވަނީ- ފޮޓޯ: ފޮރިން މިނިސްޓްރީ

މީގެއިތުރުން މިނިސްޓަރ ޢާސިމްވަނީ އިނގިރޭސި ވިލާތުގެ އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ ޗެއަރ އަދި އިނގިރޭސި ކޮންސަރވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރު ސަރ ޑޭވިސް އެމެސްއާއި މަޖިލިސް މެމްބަރު އިއާން ޕެއިސްލީއާ ބައްދަލުކުރައްވާ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމް ފުރަތަމަ ފަހަރަށް އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖެއާ އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެކި ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.