ރިޕޯޓް

އަންހެންފުށީގައި ކޯސްތަކެއް ފެށުމަށް ގަމީރާ ތައްޔާރުވެއްޖެ


ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ގަމީރާ ދޭން ބޭނުންވާ ހަދިޔާއަކީ ގަމީރާގެ ދަނޑުގައި އޭނާއާއެކު މަސައްކަތްކޮށް ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތެވެ. ގަމީރާއަކީ ރާއްޖޭގެ ދަނޑުބިމުން ފެނިގެންދާ އެންމެ ހީވާގި، އެންމެ ހިތްވަރުގަދަ އަންހެނާއެވެ. ގަމީރާއަކީ ރާއްޖޭގެ ނިސްބަތުން، ދަނޑުވެރިކަމުގައި އެންމެ މަޝްހޫރު އެއް ބްރޭންޑްވެސްމެއެވެ. މި ދާއިރާއިން ލިބިފައިވާ ގިނަ އެވޯޑްތަކަށްފަހު ގަމީރާގެ ދަނޑުވެރިކަމުގެ ހަޔާތް، އެހެން ހަރުފަތަކަށް ގެންދަން ނިންމީ ކީއްވެގެންކަން އޭނާ ކިޔައިދިނެވެ.

"މިހާރުވެސް ވަރަށް ގިނަ މީހުން އަޅުގަނޑަށް ގުޅާނެ. މިރުސް ގަސް ގުރުޑު ވެއްޖެއޭ. ބަށި ގަހުގައި ބައްޓެއް ނާޅަޔޭ ކިޔާފަ. ދެން އަޅުގަނޑު އެ ފަރާތްތަކަށް ކިޔައިދެމުން މިދަނީ ކިހިނެއްކަން ހަނދަންވީ. އަޅުގަނޑަކީވެސް މާބޮޑު އެއްޗެއް ކިޔަވައިގެން ހުރި މީހެއް ނޫން. އެކަމުވެސް އަޅުގަނޑު ކިޔައިދޭގޮތަށް ހެދުމުން ގަހުގައި ހުންނަ ބަލިތައް ރަގަޅުވާތީ، ވަރަށް ގިނަ ފަރާތްތަކުން އެދެމުންދޭ އަޅުގަނޑާއެކު ތަޖުރިބާ ހޯދަން. ކޯސްތައް ނުހިންގަނީ ކީއްވެގެންހޭވެސް ބައެއް މީހުން އަހާ. އެހެންވެ އަސްލު ކޯސްތަކެއް ފެށުމަށް ނިންމީ." މީހުންނަށް މިކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާ ގުޅޭގޮތުން ގަމީރާ ބުންޏެވެ. 

ދަނޑުވެރިކަމުގެ ދާއިރާގެ ކޯސްތައް ހިންގުމުގައި ގަމީރާގެ ޚިޔާލަކީ އަންހެންފުއްޓަށް ކުދިން ގެންގޮސްގެން ކުރު ކޯސްތަކެއް ހިންގުމެވެ. ނަމަވެސް ކޯސްތައް ފެށެން އަންނަނީ އަންހެނުން ފުށީގައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެގެންކަމަށް ގަމީރާ ބުނެއެވެ.

"މިހާރު މި ރަށުގައި މިހުރި ޢިމާރާތްތަކަކީ އެގޮތަށް ކުދިން ގެނެސްގެން ގެންގުޅެވޭނެ ތަންތަނެއް ނޫން. އަޅުގަނޑު މިހާރު ތައްޔާރުވަމުން މިދަނީ މި ރަށުގެ ބަނދަރު މަތި ފަރާތުގައި ގެއެއް ހަދަން. އޭރުން އެއްފަހަރާ ދިހަ ވަރަކަށް ކުދިން ބައިތިއްބައިގެން ކޯސްތައް ހިންގޭނެ." ކުރިއަށްރަވާފައިވާ ގޮތާބެހޭ ގޮތުން ވާހަކަދައްކަމުން ގަމީރާ ބުންޏެވެ. 

img:http://s4.psmnews.mv/images/660x400/14738447289038.jpg|ގަމީރާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވަނީ / އޭނާ ބޭނުންވަނީ މިމަސައްކަތް އެހެން މީހުންނަށް ދަސްކޮށްދޭން

ގަމީރާ ބުނީ ކޯސްތައް އެންމެ ފުރަތަމަ އަމާޒު ކުރާނީ ބ.އަތޮޅުގެ ޒުވާނުންނަށް ކަމަށާއި، ޝައުޤުވެރިކަން ހުރިނަމަ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އަންހެނުންފުއްޓަށް ކުދިން ގެންގޮސްގެން ކޯސްތައް ހިންގުމުން، ދެ ފައިދާއެއް ލިބިގެންދާނެ ކަމަށް ގަމީރާ ބުންޏެވެ. އެއް ފައިދާއަކީ ދަނޑުވެރިކަމުގެ އުކުޅުތައް އަވަހަށް ދަސްވުމެވެ. ދެވަނަ ފައިދާއަކީ ދަނޑުތަކަށް ގޮސް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ކޮންމެ ދުވަހަކު ލިބިގެންދިއުމެވެ.

"މި ރަށުގައި އެބަހުރި އެކި ކަހަލަ މޭވާ އާއި ތަރުކާރީގެ ބާވާތްތައް. ކޮންމެ ދުވަހަކު ދަނޑުތަކަށް ގޮސް ތަޖުރިބާ ހޯދޭނެ. މި ރަށުގައި ( އަންހެނުން ފުށީގައި) މި ހުންނަނީ ކޮންމެ ބާވަތަކަށް ވަކި ދަނޑެއް ގޮތަށް. އެހެންވީމާ ދަސްކުރުމުގައި ފަސޭހަވެގެންދާނެ." ގާމީރާ ބުންޏެވެ. 

ދަނޑުވެރިކަމުގެ ކޯސްތަކެއް ފެށުމަކީ ދިއުމަކީ ގަމީރާގެ ދެކެމުންދާ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި އޭނާއަށް ދަސްވެފައިވާ އެއްޗެއް އެހެން މީހަކަށް ކިޔައިދިނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި ބުންޏެވެ. 

ގަމީރާ ބުނީ ބ.އަތޮޅަށްފަހު، ކައިރި އަތޮޅުތަކަށްވެސް އެ ފުރުޞަތު ހުޅުވާލާނެ ކަމަށާއި، އޭނާގެ އުންމީދަކީ ވީހާވެސް ގިނަ ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ނެރުން ކަމަށެވެ. މިއަހަރުގެ ތެރޭގައި ދަނޑުވެރިކަމުގެ ކުރު ކޯސްތައް ފެށިގެންދިއުމަކީ ގަމީރާގެ އެންމެ ބޮޑު އުންމީދެވެ. މި ޚަބަރަކީ ދަނޑުވެރިކަމަށް ޝައުޤުވެރިކަން ހުރި ޒުވާނުންނަށް ގަމީރާ ދޭން ބޭނުންވާ ހަދިޔާއެކެވެ. ނަމަވެސް ހަޤީޤީ ހަދިޔާއަކަށް ވާނީ ކޯސްތައް ފެށިގެންދިއުން ކަމަށް ޤަމީރާ ޤަބޫލުކުރެއެވެ.