ޚަބަރު

ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ޗެމްޕިއަންކަން ހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ފުރަތަމަ ފަހަރަށް ސްޕެއިންގެ ކާލޮސް އަލްކަރާޒް ކާމިޔާބުކޮށްފި އެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އުމުރުން 22 އަހަރުގެ އަލްކަރާޒް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސަރބިޔާގެ ނޯވަކް ޖޮކޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ދޭއް ހައެއްގެ ނަތީޖާއަކުން ޖޮކޮވިޗް ކާމިޔާބު ކުރި ނަމަވެސް ފަހު ތިން ސެޓު ހައެއް ދޭއް, ހައެއް ތިނެއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުން އަލްކަރާޒް ވަނީ ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޖޮކޮވިޗް އަތުން އަލްކަރާޒް ހަމަ މި ވެނިއުގައި ބަލިވެފައިވާއިރު އޭނާ ވަނީ މި ފަހަރުގެ ފައިނަލުގައި މޮޅު ކުޅުމެއް ދައްކާ ޓެނިހުގައި ކުޅެވޭ އެންމެ ބޮޑު ހަތަރު މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ.

އަލްކަރާޒް ވަނީ މީގެ ކުރިން ޔޫއެސް އޯޕާން އާއި ފްރެންޗް އޯޕަންގެ އިތުރުން ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފަ އެވެ.