ހައުސިިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ރިހި ޔޫބީލް ފާހަގަކުރުމަށް އެޗްޑީސީން ވަނީ ޚާއްސަ ކެމްޕޭނެއްވެސް ފަށައިފައެވެ. މި ކެމްޕޭން ފައްޓަވައިދެއްވީ އެޗްޑީސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރެވެ.
"ސީ ޓު ސިލްވަރ ޝޯރސް" ނުވަތަ ކަނޑުން ރިހި އައްސޭރިއަކަށްގެ ނަމުގައި އެޗްޑީސީން ފެށި ކެމްޕޭނަކީ މުޅި އަހަރަށް ބަހަލައިގެން އެ ކުންފުންޏަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭނުގައި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އާންމުންނަށް ބައިވެރިވޭގޮތަށް ކަމަށާއި މީގެ ތެރޭގައި އާންމުކޮށް އެ ކުންފުނިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ބައެއް ހަރަކާތްތައްވެސް ކުރިއަށްގެންދާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މި ކެމްޕޭން ފައްޓަވައިދެއްވައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ އެޗްޑީސީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އެހެންވެ އެކަމާއި އެ ކުންފުނި ފަޚުރުވެރިވާންޖެހޭ ކަމަށާއި މިފަދަ ތާރީޚީ އަހަރެއް ފާހަގަކުރާއިރު ކުންފުނީގެ ހުރިހާ މުވައްޒަފުންގެވެސް އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.
"25 އަހަރަކީ އަޅުގަނޑުމެން އަދިކިރިޔާ ތަސައްރަފު ފުދެން ފަށާފައި މިވަނީ އިންސާނީގޮތުން ބަލާކަމަށްވެއްޖެއްޔާ. އެހެންނަމަވެސް ޑިވެލޮޕްމަންޓްގެ ސައިޑުން ސިލްވަރ ޖުބިލީއެއް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަޚުރެއް ލިބޭ ކަމެއް. ސަބަބަކީ މިއޮތް ކުރު މާޒީގައި 25 އަހަރު ތެރޭގައި ހުޅުމާލެ އޭގެ ޒާތުގައި ޑިވެލޮޕްވެފައި އޮތްވރަށް ބަލާލުމުން އަޅުގަނޑުމެންނަށް އެކަން ތަސައްވުރު ކުރެވޭނެ،" އެޗްޑިސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރުމަށް ކެމްޕޭން ފެށުމުގެ ގޮތުން ކެމްޕޭނެއް ޚާއްސަ ލޯގޯވެސް ވަނީ ތައާރަފުކޮށްފައެވެ. މި ލޯގޯ ތަޢާރަފުކޮށްދެއްވީވެސް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. މީގެ އިތުރުން ރިހި ޔޫބީލްގެ ކެމްޕޭނަށް ޚާއްސަކޮށްގެން އޮންލައިން ޕޭޖެއްވެސް އެޗްޑީސީން ވަނީ ތައާރަފުކޮށްފައެވެ. މި ޕޭޖު މެދުވެރިކޮށް ކެމްޕޭނާ ގުޅޭ މައުލޫމާތާއި ކެމްޕޭނުގައި ކުރިއަށްގެންދާ ހަރަކާތްތަކާއި އެ ހަރަކާތްތައް ބަލާލެވޭނެއެވެ. އަދި ހަރަކާތްތަކުގައި ބައިވެރިވުމާއި އަޕްޑޭޓްތައްވެސް ޕޭޖުގެ ޒަރީއާއިން ބަލައިލެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.