މެލޭޝިޔާގެ އައްސޭރިފަށުގެ ސަރަޙައްދެއްގައި ނުޤަވާޢިދުން އެއް އުޅަނދުން އެހެން އުޅަނދަކަށް ސާފުނުކުރާ ތެޔޮ ބަރުކުރަމުން ދަނިކޮށް، އެ ކަން ހުއްޓުވައި، ތެޔޮ އަތުލައިގަނެފިއެވެ. މެލޭޝިޔާގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާ، މެރިޓައިމް އެންފޯސްމެންޓް އޭޖެންސީން ބުނީ، އެ އިދާރާއިން އަތުލައިގަނެފައިވާ ތެލުގެ އަގު 129.9 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައެވެ. އެއީ، ކޮން ޤައުމަކުން ބޭރު ކޮށްފައިވާ ތެލެއް ކަން އެ އިދާރާއިން ސާފުކޮށްދީފައެއް ނުވެއެވެ.
މެލޭޝިޔާގެ އިދާރާއިން ބުނީ، އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަރުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޕިނާންގްގެ މުޑާ ހެޑް ކިޔާ ސަރަޙައްދެއްގެ ހުޅަނގުން 24 ނޯޓިކަލް މޭރު ބޭރުން ކަމުގައެވެ. އެއީ، ނުޤަވާޢިދުން ތެލުގެ ވިޔަފާރި ހިންގާ ކަމަށް ފާހަގަ ކުރެވިފައިވާ ސަރަޙައްދެކެވެ. އެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކުރާނެ ކަން މެލޭޝިޔާ ސަރުކާރުން ހުސްވި އަހަރުގެ ޖުލައި މަހު ހާމަކޮށްފައިވެއެވެ.
ތެޔޮ ބަރުކުރުން ހުއްޓުވައި މެލޭޝިޔާގެ އިދާރާއިން ހިފަހައްޓާފައިވާ ދެ ތެޔޮ ޓޭންކަރުގައި 53 ފަޅުވެރިން ތިބި ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ، މިޔަންމާ، އީރާން، ޕާކިސްތާން އަދި އިންޑިޔާގެ ރައްޔިތުންނެވެ. މެލޭޝިޔާގެ އިދާރާއިން ބުނީ، ހިފަހައްޓާފައިވާ ދެ އުޅަނދުގެ ކެޕްޓަނުން ހައްޔަރު ކޮށްފައިވާ ކަމުގައެވެ. މެލޭޝިޔާގެ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.