ތަރައްްޤީ

ހުޅުދޫއާއި މީދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ޓެންޑަރަށްލައިފި


އައްޑޫސިޓީ ހުޅުދޫ އާއި މީދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކުރައްވައިފިއެވެ. 

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގެ ނަރުދަމާ ނިޒާމު ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރު ޢިއުލާން ކުރެއްވީ ފުރަތަމަ ކުރެއްވި އިއުލާނާއި ގުޅިގެން އެކަށީގެންވާ ފަރާތަކުން މިކަމަށް ކުރިމަތި ލައްވާފައި ނުވާތީކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެންވަރަރުމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، އެރަށުގައި ނަރުދަމާ ނިޒާމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯއްދެވުމަށް އަލުން އިޢުލާން ކުރެއްވީ، ޓެންޑަރ ބޯޑްގެ ލަފާގެ މަތިންކަމަށެވެ.

"އައްޑޫސިޓީގެ ހުޅުދޫ މީދޫގެ ޓެންޑަރ ކުރިއިރު ބެސްޓް އިވިލުއޭޓް ޓެންޑަރ އެއް ނެތުމުގެ ސަބަބުން އަނެއްކާވެސް އަޅުގަނޑުމެން މިހާރު މިވަނީ ޓެންޑަރ ބޯޑްގެ އިރުޝާދުގެ ދަށުން އަލުން ރީ ޓެންޑަރ ކުރުމުގެ މަސައްކަތް ފަށާފަ. އިރާދަ ކުރެއްވިއްޔާ ޓެންޑަރ ކުރެވި އަޅުގަނޑުވެމްގެ އަމާޒަކީ އަދިވެސް ހަމަ އައްޑޫ ސިޓީގެ ހުޅުދޫ މީދޫގައިވެސް މި މަސައްކަތް ކުރާނެ ބައެއް ހޯދައި މިއަހަރު ތެރޭގައި މަސައްކަތް ފެށުން. އަދި އޭގެ އިތުރަށް އައްޑޫސިޓީގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫގެވެސް ނަރުދަމާގެ މަސައްކަތް ކުރުމަށް މިއަހަރު ހަވާލުކުރުން". މިނިސްޓަރ ވިދާޅުވިއެވެ. 

އައްޑޫ ސިޓީ ހިތަދޫގެ ދެކުނު ސަރަޙައްދުގެ ނަރުދަމާ ނިޒާމު ޑިޒައިންގކުރުމާއި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރެއްވުމަށް މިދިޔަ ހަފްތާގައި ވަނީ އެމްޑަބްލިޔުއެސްސީއާ ޙަވާލުކުރައްވާފައެވެ.

އައްޑޫސިޓީގެ ރަށްރަށުގެ ތެރެއިން މިހާރު ނަރުދަމާގެ ޚިދުމަތް ނުދެވިއޮތް ފަސް ރަށުގެ ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދަވަނީ ބޭރުގެ ލޯނު އެހީގެ ދަށުންނެވެ. އެއީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހުޅުދޫ، އަދި މީދޫއެވެ. މިރަށްރަށުގައި ނަރުދަމާ ނިޒާމް ޤާއިމް ކުރެއްވުމަށް ތަފްޞީލީ ޑިޒައިނާއި ޓެންޑަރ ޑޮކިއުމަންޓްތައް ނިންމަވައި ޢަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދަވާކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 

ސަރުކާރުގެ މި ދައުރު ނިމެންވާއިރަށް އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމި ޚިދުމަތް ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެވެ.