ޚަބަރު

ފައިން އަނބުރާ އަނބުރާ 17ކިލޯ މީޓަރު ބައިސްކަލު ބުރު ނިންމާލައިފި


"ފައިން އަނބުރާ އަނބުރާ 17 ކިލޯ މީޓަރު" މިނަމުގައި ބައިކް މޯލްޑިވްސްގެ ފަރާތުން ލ. ފޮނަދޫގައި ކުރިއަށްގެންދިޔަ ބައިސްކަލު ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ އަޟްހާ ޢީދާއި ދިމާކޮށް، ޕީ.އެސް.އެމްއާއި، ލ. ފޮނަދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި 120 ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ޕީ.އެސް.އެމް ޢީދު އުފާ 1437ގެ ހަރަކާތްތަކުގެ ތެރެއިން "ފައިން އަނބުރާ އަނބުރާ 17 ކިލޯމީޓަރު" މި ހަރަކާތް ފަށާފައި ވަނީ ހައްދުންމަތީ ބޮޑު މަގުގެ ލ. ގަމު ތުނޑީ އަވަށާ ވީ ކޮޅުންނެވެ. ބައިކް މޯލްޑިވްސްއިން އިންތިޒާމް ކުރި މި ބައިސްކަލު ބުރުގައި މާލެއިން ބައިވެރިވި ފަރާތްތަކާއެކު 120 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މިއީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތުގެ މުހިއްމު ކަމާމެދު އާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި އިންތިޒާމްކުރި ހަރަކާތެއްކަމަށް ބައިކް މޯލްޑިވްސް އިން މަޢުލޫމާތުދެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު އާއްމުން ހޭލުންތެރިކުރުވުމަކީވެސް މި ހަރަކާތުގެ މަޤުޞަދެއްކަމަށް އެފަރާތުން ބުނެއެވެ. ހައްދުންމަތީގައި ހަދާފައިވާ 17 ކިލޯ މީޓަރު ބޮޑު މަގުގައި ކުރިއަށްދިޔަ މި ހަރަކާތުގައި އެކި އުމުރުގެ މީހުން ބައިވެރިވެފައިވާއިރު، މިއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ބައިސްކަލު ބުރުކަން ބައިކް މޯލްޑިވްސްއިން ފާހަގަކުރެއެވެ. އެގޮތުން މިފަހަރުގެ ބައިސްކަލު ބުރުގައި އުމުރުން އެންމެ 5 އަހަރުގެ ތުއްތު ކުއްޖެއް ފެނިގެންދިޔައެވެ.  

ގާތްގަނޑަކަށް އެއްގަޑިއިރުގެ މި ހަރަކާތް ނިންމާލާފައިވަނީ ހައްދުންމަތީ ބޮޑު މަގުގެ، ލ. ފޮނަދޫ ކުރިގަމު އަވަށާވީ ކޮޅުންނެވެ. މި ބައިސްކަލު ބުރުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި ބައެއް މީހުން ބުނިގޮތުގައި މިއީ އެފަރާތްތަކަށް ލިބުނު ތަފާތު ތަޖުރިބާއެކެވެ. އަދި 17 ކިލޯ މީޓަރުގެ ބޮޑު މަގެއްގައި ބައިސްކަލެއްގައި ދުއްވާލަން ލިބުމުން އެފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

"ފައިން އަނބުރާ އަނބުރާ 17 ކިލޯމީޓަރު" މި ހަރަކާތް ނިންމާލުމަށްފަހު، ބައިވެރިންގެ މެދުގައި ގުރުއަތު ނަގާ، ބައިކް މޯލްޑިވްސްއާއި، ޕީ.އެސް.އެމް އަދި މޯލްޑިވިއަންގެ ފަރާތުން ގުރުއަތުން ހޮވުނު ފަރާތްތަކަށް ޚާއްސަ އިނާމްތަކެއް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ދެ ބައިސްކަލާއި، ރާއްޖޭގެ ބޭނުން މަންޒިލަކަށް ދަތުރުކުރުމުގެ ދެކޮޅު ޓިކެޓް ދެ ފަރާތަކަށް ހަވާލުކޮށްފައިވެއެވެ.