ދުނިޔެ

ސޫރިޔާގެ ދާޙިލީހަނގުރާމައިގެ ތެރެއިން އިންސާނީއެހީ ފޯރުކޮށްދިނުން


ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، މި ހަނގުރާމައިގައި އިސް ދައުރެއް އަދާކުރަމުންދާ ދެ ޤައުމު ކަމަށްވާ އެމެރިކާއާއި ރަޝިޔާއިން އެއްބަސްވެއްޖެއެވެ. މިކަމާއިމެދު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައިސްފައިވަނީ ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ބޭއްވެވި މަޝްވަރާތަކަކަށްފަހުއެވެ.

ސޫރިޔާގެ މަޞްރަޙާއިމެދު މަޝްވަރާކުރުމަށް އެމެރިކާއި ޚާރިޖީ ވަޒީރުން މި ހުސްވި ހަފްތާ ބަންދުގައިވަނީ މުޙިއްމު މަޝްވަރާތަކެއް ބާއްވާފައިވެއެވެ. ސްވިޓްޒަލެންޑުގެ ޖެނީވާގައި، ޖޯން ކެރީއާއި ސަރްގެއި ލެވްރޮފާއި ދެމެދު ބޭއްވި މި ބައްދަލުވުމުގެ ނަތީޖާއަކަށްވީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އިސް ދައުރެއް އަދާ ކުރަމުންދާ މި ދެ ޤައުމުގެ މެދުގައި މުޙިއްމު އެއްބަސްވުމެއް އެކުލަވާލުމެވެ.

މި މަޝްވަރާތަކަށްފަހު، ކެރީއާއި ލަވްރޯފްވަނީ، 5 އަހަރަށްވުރެ ގިނަ ދުވަސްވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް މިލިއަން ރައްޔިތުންނަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ވަގުތީ ގޮތުން ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ.

މި އެއްބަސްވުމަށް ހޯމަ ދުވަހު ޢަމަލުކުރަން ފެށުމަށް ދެ ޤައުމުންވަނީ ނިންމާފައެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން، ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދެ ޤައުމުންވެސް އެހީތެރިވެދޭނެއެވެ. އަދި، ސޫރިޔާގައި ޙަރަކާތްތެރިވާ ހައްދުފަހަނަ އަޅާފައިވާ ހަތިޔާރުއެޅި ޖަމާޢަތްތަކާއި ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަ ކުރާނެއެވެ.

މި އެއްބަސްވުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކެރީވަނީ، މި އެއްބަސްވުމަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ޞުލްހަވެރި ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، ހަނގުރާމައިގެ ބައިވެރިން މި އެއްބަސްވުން ތަންފީޒުކުރުމުގައި އެއްބާރުލުން ދީފި ނަމަ، މިއީ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރުމަށް އެޅިގެންދާނެ ބޮޑު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ލަވްރޯފް ވިދާޅުވީ، ސޫރިޔާގެ މައްސަލައަށް ޞުލްހަވެރި ޙައްލެއް ގެނައުމަށް މަސައްކަތް ކުރުމާއި ބެހޭ ގޮތުން އެމެރިކާއާއި ރަޝިޔާއިން 5 ކަރުދާހެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި، މިއީ، ހުއްޓުމަކަށް އައިސްފައިވާ ސޫރިޔާގެ ޞުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާރު ހިނގަމުންދާ ޙަމަލާ ބަދަލު ކުރުންތައް ވަގުތީ ގޮތުން މެދުކަނޑާލަން އެމެރިކާއާއި ރަޝިޔާއިން އެއްބަސްވެފައި ވީ ނަމަވެސް، މި ހަނގުރާމައިގެ ބައިވެރިންކަމަށްވާ ސޫރިޔާގެ އަސްކަރިއްޔާއާއި އިދިކޮޅު ފަރާތްތަކުން، މި އެއްބަސްވުން ތަންފީޒު ކުރެވިދާނެކަމާއިމެދު ސުވާލު އުފައްދައެވެ.