ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ކައުންސިލްތަކަށް ވާދަކުރުމަށް 953 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ވާދަކުރުމަށް ހަފުތާއެއްގެ ތެރޭގައި 1،653 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ކައުންސިލްތަކަށް ވާދަކުރުމަށް ހުށަހެޅި 953 ފޯމާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހެޅި 700 ފޯމެވެ.
ކައުންސިލްތަކަށް ވާދަކުރުމަށް ސިޔާސީ ޕާޓީތަކުން މިހާތަނަށް 750 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތުފުރިހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 617 މީހުންގެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި ޕާޓީތަކުން ހުށަހެޅި ފޯމުތަކުގެ ތެރެއިން 113 ފޯމެއް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 41 ފަރާތަކުން އަލުން ފޯމު ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކައުންސިލްތަކަށް އަމިއްލަ ގޮތުން ވާދަކުރަން 203 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 133 މީހުންގެ ޝަރުތު ފުރިހަމަވާއިރު 70 މީހުންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ފޯމުތަކުގެ ތެރެއިން 36 މީހަކު އަލުން ފޯމު ހުށަހަޅާފައިވާ ކަމަށްވެސް މައުލުމާތު ދެއްވައެވެ.
އަންހެނުންގެ ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކުން މިހާތަނަށް 565 ފޯމު ހުށަހަޅާފައިވާއިރު ޝަރުތު ހަމަވަނީ 488 މީހުންގެ ކަމަށާއި ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި 77 މީހުންގެ ތެރެއިން 15 މީހަކު އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އަމިއްލަގޮތުން ވާދަކުރަން ފޯމު ހުށަހެޅި 135 މީހުންގެ ތެރެއިން 86 މީހެއްގެ ޝަރުތު ފުރިހަމަވާކަމަށް ވަނީ ކަނޑައަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މި މަހުގެ 17 ވަނަ ދުވަހުއެވެ.
ކޮންމެ ކެނޑިޑޭޓަކުވެސް ފޯމް ހުށަހަޅާއިރު ސަމާލުކަން ދޭން ޖެހޭ މުހިންމު ބައެއް ކަންކަން އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އޭގެތެރެއިން އެއް ކަމަކީ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ވަގުތެވެ. އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅޫވާލުމުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ރަސްމީ ގަޑިތަކުގައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ފޯމް ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.