ޚަބަރު

ސަމާލުވޭ! އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މަޢުލޫމާތު ހޯދަނީ


  • ވައިބަރ އަދި އާދައިގެ ކޯލު މެދުވެރިކޮށް ގުޅަމުންދާކަން ވަނީ ފާހަގަކުރެވިފައި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ މައުލޫމާތު ހޯދާތީ ސަމާލުވުމަށް ޢިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވީ އެ ކުންފުނީގެ ނަމުގައި ވައިބަރ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް ގުޅަމުންދާ ކަމަށެވެ. މި ފޯނު ކޯލުތަކާއި މެސެޖުތަކުގެ ޒަރީއާއިން އާންމުންގެ މަޢުލޫމާތު ހޯދަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ، ހައުސިންގ މަޝްރޫޢުތަކާއި ސޯޝަލް ހައުސިންގ ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކުންފުނިން ވައިބަރ ނުވަތަ އާދައިގެ ފޯނު ކޯލު މެދުވެރިކޮށް އާންމުންނަށް ނުގުޅާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. އެހެންކަމުން އެފަދަ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ ޢިލްތިމާސްކޮށްފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުތަކާއި އެޗްޑީސީން ކުރިއަށްގެންދާ އެކި ސްކީމްތަކާ ގުޅުވައިގެން އެކި ފަރާތްތަކުން ސްކޭމްތައް ހިންގައެވެ. މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ޢިލްތިމާސް ކުރެއެވެ. އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު އެއްވެސް މީހަކާ ޙިއްސާ ނުކުުރުމަށާއި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް ކަމާއި ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރަމުންނެވެ.