ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ނޭޕާލް އާއި ބައްދަލުކުރި މެޗު ބޮޑަށް އުނދަގޫވެގެން ދިޔައީ މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތުތައް ނިންމާނުލެވުމުން ކަމަށް ޤައުމީ ފުޓްސަލް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އަހުމަދު ހަމީދު ބުނެފިއެވެ.
މެޗަށްފަހު އަހުމަދު ހަމީދު (އައްމަޑޭ) ބުނީ މެޗަށް ނިކުތްއިރުވެސް މިއީ އުނދަގޫވާނެ މެޗެއްކަން އިނގޭކަމަށާއި މެޗައް ތައްޔާރުވީވެސް ނޭޕާލް ޓީމުން ޑިފެންސިވް ގޭމެއް ކުޅޭނެކަން އިނގިގެންކަމަށެވެ. އަހުމަދު ބުނީ ފުރަތަމަ ހާފްގައިވެސް ރާއްޖެއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަކަމަށާއި ބޮޑަށް އުނދަގޫވީ އެފުރުސަތުތަކުގެ ބޭނުން ނުހިފުމުންކަމަށެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުނު 4 މެޗުވެސް ކާމިޔާބުކޮށް ދިވެހި ޓީމުން ވަނީ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ފިޔަވަޅަކަށް ގާތައްޖެހިލާފައެވެ. ދިވެހިރާއްޖެ މިއަދު ކުޅުނު މެޗުގައި ނޭޕާލްގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.
މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކަމުންދާ އަހުމަދު ހަމީދު މެޗަށްފަހު އިތުރަށް ބުނީ މިހާރު މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކުންވެސް ރާއްޖެއާއި ބައްދަލުކުރާ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާކަމަށާއި ކުރިއަށް ހުރި މެޗުތައްވެސް ފަސޭހަ ނުވާނެކަމަށެވެ.
ރާއްޖެއަށް މުބާރާތުގައި ބާކީދެން އޮތީ ލީގު ތާވަލްގެ އެންމެ ފުލުގައި އޮތް ދެޓީމާ ބައްދަލުކުރާ ދެ މެޗެވެ. އެހެންނަމަވެސް މިމެޗުތަކަށްވެސް ދިވެހި ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށާއި ބޭނުންވަނީ ހުރިހާ މެޗެއް ކާމިޔާބުކުރަން ކަމަށްވެސް އަހުމަދު ހަމީދު ބުންޏެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ މިއަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ބޫޓާން އާއެވެ. މިމެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ކަށަވަރު ކުރެވޭނެއެވެ.