ޚަބަރު

އެތުލީޓުންނަށް ޙާއްސަ ގިނަ ކަންތައްތަކެއް ސްޕޯޓްސް އެވޯޑުގައި


އެތުލީޓުންނަށް ޙާއްސަ ގިނަ ކަންތައްތަކެއެ، އަންނަ މަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ޙަފްލާގެ ތެރެއިން ފާހަގަކުރާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ މަގްސަދުގައި ބާއްވާ އެންމެ ބޮޑު ހަރަކާތްކަމުގައިވާ ވޯލްޑިވްސް ސްޕޯޓްސް އެވޯޑު ބާއްވަން ތާވަލުކޮށްފައި ވަނީ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.

މި ޙަފްލާއާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައި "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، އެތުލީޓުންނާއި، ޖުމްލަ ގޮތެއްގައި މުޅި ކުޅިވަރު ކޮމިއުނިޓީއަށް ޙާއްސަ ވަރަށް ގިނަ ކަންތައްތަކެއް މި ޙަފްލާގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ.

"ކުޅިވަރުގެ މުއައްސަސާތަކާއި، މުޅި ކުޅިވަރު ކޮމިއުނިޓީއަށް ގެނެވުނު އިމްޕެކްޓްފުލް ކަންތައްތަކެއް ވަރަށް ރަނގަޅަށް ހާމަވެގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ. އަދި އެތުލީޓުންނަށް ޙާއްސަކުރެވިގެން ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިގެން އެބަދޭ. އެހެންވީމަ އެކަމުގެ އުފާވެސް އަޅުގަނޑުމެން މި އެވޯޑު ނައިޓުގައި އިރާދަކުރެއްވިއްޔާ ފާހަގަކުރާ ގޮތަށް ހަމަޖެހިފައި މިވަނީ". ކުޅިވަރު އާއިލާއިން އެދޭނެ، ބޭނުންވާނެ ކަންތައްތަކެއް މި ޙަފްލާގެ ތެރެއިން ފެނިގެންދާނެކަން ހާމަކުރައްވައި ވަޒީރު ރާފިއު ވިދާޅުވިއެވެ.

ވަޒީރު ވަނީ، މިފަހަރުގެ އެވޯޑު، އެހެން އަހަރުތަކާ ތަފާތުވާނެކަން ވެސް ހާމަކުރައްވާފައެވެ.

"މި އެވޯޑިންއަށް، ކުރީ އަހަރުތަކާ ޚިލާފަށް، އެ ލިބޭ އެވޯޑުތަކުގެ ސެޓްފިކެޓު ދިނުން، އިތުރުކަމެއްގެ ގޮތުގައި މިފަހަރު އަޅުގަނޑުމެން ހިމަނާފައި މިވަނީ. ސަބަބަކީ އެތުލީޓުންގެ ސީވީއަށް އެޑުކުރަން ފަސޭހަވާނެ އަދި އޭތި ޖަސްޓިފައިކޮށްދޭން ވެސް ފަސޭހަ ވާނެ އެ ލިބޭ އެވޯޑު، ސެޓްފިކެޓަކާ އެއްކޮށް ލިބުން". ވަޒީރު ރާފިއު ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު އާއިލާއިން ނުހަނު އިންތިޒާރުކުރާ ޙަފްލާއެއް ކަމަށްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފްލާ އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި އެވޯޑު ހަފްލާއެއް ބާއްވައި ކުޅުންތެރިންގެ އަގުވަޒަންކޮށް، އެވޯޑު ދޭން އެންމެފުރަތަމަ ފަށާފައި ވަނީ 2022 ވަނަ އަހަރުއެވެ.