ހައްޤުގޮތުގައި ހައްޤައްޓަކައި ސާބިތުވެ ތިބެ ޖިހާދުކުރާ މީހުންނަކީވެސް ޝަހީދުންގެ މަސައްކަތާއި އެއްވަރުގެ މަސައްކަތެއް ކުރައްވާ ބައެއްކަމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ 1447 ވަނަ އަހަރުގެ ޝަހީދުންގެ މުނާސަބަތުގައި ބޭއްވި ޕެނަލް ޑިސްކަޝަން ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވީ ޝަހީދުންނޭ ދެންނެވުމުން ހިތަށް އަސަރުތަކެއް ކުރާކަަމަށާއި ސަބަބީ ޝަހީދުންނާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވާ އާޔައްތަކުގެ މާނައާއި ޝަހީދުންނާއި ގުޅޭގޮތުން ދައްކާ ވާހަކަތަކާއި އަދި އަމިއްލައަށް ޝަހީދަކަށްވާން ބޭނުންވާލެއް ބޮޑުކަމުންކަމަށެވެ.
އިސްލާމްދީނުގައި ޝަހީދުން ދެކޭ ގޮތަކީ އަގީދާއަށްޓަކައި، ދީނައްޓަކައި ހައްގުގައި މަސައްކަތްކޮށް ނިމިގެންދާ ބައެއްކަމަށް އައްބާސް ވިދާޅުވިއެވެ. އެމީހުންނަކީ އަނިޔާއިން ސަލާމަތްވުމަށް މަސަައްކަތް ކުރާ ބައެއްކަމަށާއި އެމީހުންނަކީ އެމީހުންގެ ހިއްވަރާއި އަޒުމާއެކު އަމަލުން ޤުރުބާނީ ސާބިތުކޮށްދޭ ބައެއްކަމަށްވެސް އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ ކޮންމެ ޝަހީދަކީ މަރުވާމީހަކަށް ނުވެދާނެކަމަށާއި އެހެންނަމަވެސް އޭނާ މަރުވަންދެން އޭނަ ކުރާ މަސައްކަތަކީ ޝަހީދުންގެ ކުރާ މަސައްކަތާއި އެއްވަރުގެ ދަރަޖަ ލިބިގެންދާނެ ކަމެއްކަމަށެވެ.
"ކޮންމެ ޝަހީދަކީ މަރުވާ މީހަކަށް ނުވެދާނެ. އެހެންނަމަވެސް އޭނަ މަރުވަންދެން ޝަހީދުވުމަށް އޭނާ ކުރާ މަސައްކަތަކީ އޭނައަށް ޝަހީދެއްގެ ދަރަޖަ ލިބިގެންދާނެ ކަންތައްތައް. އެހެން ގޮތަަކަށް ދަންނަވާނަމަ ހައްޤައްޓަކައި ހައްޤުގޮތުގައި ސާބިތުވެ ތިބެގެން ﷲ އަށްޓަކައި ޖިހާދު ކުރަމުންދާ މީހުން އެކުރަމުންދަނީ ހަމަ ޝަހީދުވުމުގެ މަސައްކަތް. އެމީހުންނަށް ދުނިޔެ މަތީގައި ފުރާނައަށް ވަކިވާން ހަނގުރާމައިގެ ބިމެއްގައި ނުލިބި ދިޔުމަކީ އަދި އެއީ އެމީހުންގެ ނަސީބުގައި އޮތް ކަމެއް، އެހެންނަމަވެސް އެމީހުންނަކީ ޝަހީދުންގެ ދަރަޖައިގެ މީހުން" ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވިއެވެ.
ޢައްބާސް ވިދާޅުވީ ފަހަކަށްއައިސް ބައެއް ފަރާތްތަކުން ޤައުމައްޓަކައި ޖިހާދުވި އަބްތޯލުންގެ ޤުރުބާނީއާއި މެދު ސުވާލު އުފައްދާކަމަށެވެ. އަދި އެއީ ޤައުމަށް އޮތް ނުރަކަލެއްގެ ގޮތުގައި އައްބާސް ސިފަކުރެއްވިއެވެ. .
ޝަހީދުންގެ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަންގައި އަލްއުސްތާޛް ކަށިމާ ޢަޙްމަދު ޝާކިރު، ކާނަލް ޙުސައިން ޢަލީ އަދި އައްޝައިޚް އަޙްމަދު ފަހުމީދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދު ކުރައްވަނިކޮށް ޢަލީރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް މިދުވަސް ފާހަގަކުރިނަމަވެސް، މިއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމުގެ މަޤްޞަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ ހިޖުރައިން 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.