ދިރާސީ އައު އަހަރަށް މުދައްރިސުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ތަޢުލީމީ ވުޒާރާއިން މިހާރު ކުރިއަށްގެންދަނީ ދިރާސާ އައު އަހަރަށް ކިޔަވަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.
ތައްޔާރީތަކުގެ ތެރެއިން ސްކޫލްތަކަށް ފޮތްތައް ފޮނުވުމާއި، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، ޚާއްސަ އިސްކަމެއް ދީގެން ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނާއި ޕްރިންސިޕަލުން ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ އާއްމުގޮތެއްގައި ޓީޗަރުން ހޯދަން ޖެހެނީ ބިދޭސީ ޓީޗަރުން ވަޒީފާއިން ވަކިވާ ނިސްބަތަށްކަމަށެވެ. 2000އަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖޭގައި ކިޔަވައިދޭއިރު، 100-150 ޓީޗަރުންގެ މޫވްމަންޓެއް ކޮންމެ އަހަރަކުވެސް އުޅޭކަމަށް ވިދާޅުވިއެވެ. މީގެތެރޭގައި ވަޒީފާއިން ވަކިވުމާއި، އަދި ސްކޫލްތަކުގައި ދަރިވަރުން އިތުރުވާ މިންވަރަށްވެސް ޓީޗަރުން ހޯދަން ޖެހެއެވެ.
ވަޒީރު ވިދާޅުވީ މިޢަދަދުތަކަށް ބޭނުންވާ ޓީޗަރުން ހަމަޖައްސާފައިވާއިރު، އިތުރަށް ބޭނުންވެއްޖެ ޙާލަތުގައި ސްޓޭންޑްބައިގައިވެސް ޓީޗަރުން ހޯދާފައި ތިބޭކަމަށެވެ.
"150އެއްހާ ޓީޗަރުންގެ މޫވްމަންޓެއް އުޅޭނެ ކޮންމެ އަހަރަކުވެސް. އެއަށް ވިސްނާފައި އަހަރަކު 400 އެއްހާ ޓީޗަރުން ސްޓޭންޑްބައިގައި ތިބޭނެ. އާދަޔާ ޚިލާފަށް މޫވްމަންޓެއް އަޔަސް، ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޓީޗަރެއް ގެނެވޭނެ. ސްކޫލަށް ނިކުންނަން އޮންނަ ދުވަހު ޓީޗަރު ރިސައިން ކޮށްފިނަމަވެސް، ލަސްވެގެން 5 ދުވަސްތެރޭ ޓީޗަރެއް ލިބޭވަރަށް ކަންކަން ވާނީ ހަމަޖައްސާފައި." ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށާއި، މިވަގުތަށް އެއްވެސް ދަތިކަމެއް ނެތްކަމަށެވެ.
ޕްރިންސިޕަލުން ނެތް ސްކޫލްތަކަށް، ޕްރިސިޕަލުން ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ފޯރުކޮށްދިނުމުގައި 11000އަށްވުރެ ގިނަ މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެވެ. ސަރުކާރުން އަންނަނީ މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. މީގެ އިތުރުން ދިވެހި މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވާފައެވެ.