ޚަބަރު

ދިރާގު ޕްރޮމޯޝަންގެ ފުރަތަމަ ލޯންޗު ޢަބްދުﷲ ސަޢީދަށް


  • މިއީ އަލް ޝާލީ މެރިންގެ ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެއް

  • 2 ވަނަ ލޯންޗު ހޯދުމުގެ ފުރުޞަތު 31 މާރިޗުގެ ނިޔަލަށް

ދިރާގުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރި ފަރާތް އިޢުލާންކޮށްފިއެވެ.

ދިރާގުގެ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ލޯންޗު ލިބޭ ނަސީބުވެރިޔާ އިޢުލާންކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ހަރަކާތުގައެވެ. މި ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ލޯންޗު ލިބިފައިވަނީ ކ. މާލޭ، ޢަބްދުﷲ ސަޢީދަށެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެކެވެ. މިއީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ސްޕީޑްބޯޓްތަކެއްކަމަށް ދިރާގުން ބުނެއެވެ. މިއިން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއްވެސް ހިމެނެއެވެ.


މި ހަރަކާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، ޢަލީ ރިޔާޒް ވިދާޅުވީ، މިފަދަ ޕްރޮމޯޝަންތަކަކީ ދިރާގުގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމަށް ކަސްޓަމަރުންނަށް ލިބިގެންދާ ރަނގަޅު ފުރުޞަތެއްކަމަށެވެ. އަދި މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުޚީބަށް ރިޔާޒް ވަނީ ޝުކުރު ދަންނަވާފައެވެ.

"އަޅުގަނޑުމެންގެ މި ޕްރޮމޯޝަނަށް ތިޔަ ހުރިހާ ބޭފުޅުން ދެއްވި ތަރުޚީބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިފަދަ ޕްރޮމޯޝަންތަކުން ލިބޭ ފުރުޞަތުތަކަކީ އަޅުގަނޑުމެންގެ ޚިދުމަތްތައް ތިބޭފުޅުންނަށް އެކްސްޕީރިއަންސް ކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް. އަޅުގަނޑުމެންގެ މި ސީރީޒްގެ 3 ވަނަ ޕްރޮމޯޝަން މިއީ." ރިޔާޒް ވިދާޅުވިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅައިފައިވާ ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުޞަތު 31 މާރިޗު 2026 ގެ ނިޔަލަށް ދިރާގުން ވަނީ ހުޅުވާލާފައެވެ. އަދި ދެވަނަ ލޯންޗުގެ ނަސީބުވެރި ފަރާތް އިޢުލާންކުރުން އޮންނާނީ ޖޫން 2026 ގައިކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް https://bit.ly/Win-2-SPeedboats މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލްކުރެވޭނެއެވެ.

ދިރާގުން ދޭ ފުރަތަމަ ލޯންޗުގެ ގުރުއަތު ނެގުމަށް ބޭއްވި ހަރަކާތުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޝްހޫރު ރޮބޯމޭންގެވެސް ޚާއްސަ ހުށަހެޅުމެއް ވަނީ ފެނިގެންގޮސްފައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.