ތަރައްްޤީ

އެމްއެމްއޭއަށް ކަޅު ފައިސާއެއް ނުވެއްދޭނެ- ޑރ. ފަޒީލް ނަޖީބް


ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ ތެރެއަށް ކަޅުފައިސާ ވެއްދުމަކީ ކުރެވޭނޭކަމެއް ނޫންކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރނަރ ޑރ.ފަޒީލް ނަޖީބް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ތަޞައްވުރު ހުތުރުވެދާނެ އަދި ދިވެހި ސަރުކާރު ބަދުނާމުވެދާނެ ގޮތަށް ސާބިތުނުހިފޭ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އަލްޖަޒީރާއިން ތައްޔާރުކޮށް ޢާންމުކޮށްފައިވާ ޑޮކިއުމެންޓްރީގައި، އެމްއެމްއޭގައި އެފަދަ މުޢާމަލާތެއް ހިންގައިފައިވާ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. ފަޒީލް ނަޖީބަކީ ރާއްޖޭގެ ޒަމާނީ ފެންވަރުގެ އަދި ބައިނަލްއަޤުވާމީ މަލީ ނިޒާމްގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޤާނޫނަކުން ސެންޓްރަލް ބޭންކަށް ގެންނެވި ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސިޔާސީ މަޤާމެއްގައި ހުންވާ ބޭފުޅަކު އެމްއެމްއޭގެ ގަވަރނަރެއްގެ ގޮތުގައި ނުހުންނަވާ ގޮތަށް ކަނޑައެޅިގެން ދިއުމަށްފަހު ގަވަރނަރކަމުގެ މަޤާމަށް ހަމަޖެހިގެންދިޔަ އެއް ބޭފުޅެވެ. ފަޒީލް ވިދާޅުވީ އަލްޖަޒީރާއިން ތައްޔާރުކޮށް، ޢާންމުކޮށްފައިވާ ޑޮކިއުމެންޓްރީގައި ބުނެފައިވާގޮތަށް އެމްއެމްއޭގެ ޚަޒާނާއަށް ފައިސާ ވައްދާ، ނެރުމަކީ ކުރެވޭނޭކަމެއް ނޫންކަމަށެވެ. ފަޒީލް ސިފަކުރެއްވީ އެއީ " އިމްޕޮސިބަލް" ކަމެއްގެ ގޮތުގައެވެ.

tw:https://twitter.com/FazeelNajeeb/status/773972438103236608

އަލްޖަޒީރާގެ ރިޕޯޓްގައި ބުނެފައިވަނީ، ޗާޓަރު ފްލައިޓެއްގައި ގޮތް ނޭގޭ 1.5 ބިލިއަން ޑޮލަރު ރާއްޖެ އެތެރެކޮށް، ސިފައިންގެ ބެލުމުގެ ދަށުން އެފައިސާ އެމްއެމްއޭއަށް ވެއްދުމަށްފަހު، އެމްއެމްއޭގެ އެކައުންޓަކަށް އެފައިސާތައް ޖަމާކޮށްގެން ޞައްޙަ ފައިސާތަކެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރިކަމަށެވެ.

އެމްއެމްއޭއިން ވިދާޅުވީ އެމްއެމްއޭގެ ޚަޒާނާއިން ފައިސާ ނެގުމަށާއި، ފައިސާ ވެއްދުމަށް ހަރުދަނާ އުޞޫލުތަކެއް ޤާއިމްކުރައްވާފައިވާ ކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ސިއްރުކުރައްވާފައިވާ އުޞޫލުގައިވާ ގޮތުން އެމްއެމްއޭގެ ޚަޒާއިން ފައިސާ ޖަމާކޮށް، ނެގޭނީ ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ ބޭފުޅުން ތިއްބަވައިގެނެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް، އެމްއެމްއޭ، އޮޑިޓަރ ޖެނަރަލްގެ އޮފީސް އަދި ފިނޭންސް މިނިސްޓްރީގެ ބޭފުޅަކު އެމްއެމްއޭގެ ޚަޒާނާއަށް ފައިސާ ޖަމާކުރާއިރުއާއި ނަގާއިރު އެތަނުގައި ޙާޟިރުވެ ތިބެންޖެހޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި އެނޫން ގޮތަކަށް އެމްއެމްއޭގެ ޚަޒާނާއިން ފައިސާއެއް ޖަމާވެސް ނުކުރެވޭނޭކަމަށާއި އަދި ނުވެސް ނެގޭނޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެހެންކަމުން މިފަދަ ހަރުދަނާ އުޞޫލުތަކެއް ޤާއިމްކޮށްފައި ވަނިކޮށް، އޭގެ ބޭރުން އެމްއެމްއޭގެ ޚަޒާނާއަށް ފައިސާ ޖަމާކޮށް، ނެގުމަކީ ކުރެވޭނެކަމެއް ނޫންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިދާޅުވެއެވެ. މީގެ އިތުރުން ރާއްޖޭގެ މަނިޓަރީ ޤާނޫނާއި، ބެންކިންގ ޤާނޫނާއި އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނުގައިވާ ގޮތުންވެސް މިއީ ކުރެވޭނޭކަމެއް ނޫންކަން އެނގެއެވެ.

img:http://s3.psmnews.mv/images/660x400/14599409261584.JPG|މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ

2014 ވަނަ ސަރުކާރުން ހުށަހަޅުއްވައިގެން ފާސްކުރައްވާފައިވާ މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަނީ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓެއް ޤާއިމްކުރައްވާފައެވެ. މިޔުނިޓަކީ މަނީ ލޯންޑްރިންގެ ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޙަރަކާތްތަކާއި ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ މަޢުލޫމާތު ހޯދައި، ދިރާސާކޮށް، އެމަޢުލޫމާތު އެހެން ފަރާތްތަކަށް ފޯރުކޮށްދެއްވާ ޤައުމީ އިދާރާއެވެ. މިޔުނިޓަކީ ޤާނޫނުން ބާރުތަކެއް ލިބިފައިވާ އަދި މިނިވަންކަމާއެކު މަސައްކަތްކުރާ ޔުނިޓެކެވެ. އަދި މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންވެސް މިއީ ކުރެވޭނޭކަމެއް ނޫނެވެ.

ރިޕޯޓް ތައްޔާރުކުރި އަލްޖަޒީރާއިންވެސް ވަނީ 1.5 ބިލިއަން ޑޮލަރު ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރުނުވާކަމަށް އެމީހުން ތައްޔާރުކުރި ރިޕޯޓްގައިވެސް އެއްބަސްވެފައެވެ.

އެމްއެމްއޭގެ މެދުވެރިކޮށް ކަޅުފައިސާ، ޞައްޙަ ފައިސާއަށް ބަދަލުކުރުމަށް މަސައްކަތްކުރިކަމަށް ބުނެ، އަލްޖަޒީރާއިން ދައްކާފައިވާ ރިޕޯޓަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފް ވާހަކަތަކެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް ނޭދެވޭ އަޞަރުތަކެއް ކުރާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން އެރިޕޯޓްގައި އެމްއެމްއޭގެ ބަހެއް ނުލިބުނުކަމަށް ބުނެފައިވާއިރު، އެމްއެމްއޭގެ ބަހެއް ހޯދުމަށް އަލްޖަޒީރާ ނުވަތަ އެރިޕޯޓް ތައްޔާރުކުރި ފަރާތަކުންވެސް މަސައްކަތް ނުކުރާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެހެންކަމުން ދިވެހިރާއްޖެފަދަ ކުރިއަރަމުން އަންނަ ޤައުމެއްގެ ސެންޓްރަލް ބެންކާއި ބެހޭގޮތުންނާއި، ދައުލަތުގެ ހަޒާނާއާ ބެހޭގޮތުން އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމަކީ ޤައުމީ ވާޖިބެކެވެ.