ތިމާވެށި

މިޔަރު ހިފައި، އޭގެ ވިޔަފާރިކުރަން އުޅުނު މައްސަލައެއް ބަލަނީ


ކުޅުދުއްފުށީގައި ޤަވާޢިދާ ޚިލާފަށް މިޔަރު ހިފައި އޭގެ އުރަހަ އާއި މަސް ވިޔަފާރީގެ ގޮތުގައި ބޭނުންކުރަން އުޅެނިކޮށް، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމައްސަލަ ތަޙުޤީޤް ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ބަޔަކު މީހުން ގިނަ ޢަދަދެއްގެ މިޔަރު ހިފައިގެން ލޮނުމަސް އަޅަމުން ގެންދާކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެކްރިކަލްޗަރ އިން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ކުޅުދުއްފުށީ އުތުރުކޮޅު ލޮނުމަސް އަޅާ ސަރަޙައްދަށްގޮސް ބެލިބެލުމުން، އެސަރަހައްދުގައި ހަދާފައިހުރި އަށިތަކެއްމަތީ މިޔަރުގެ، މަހާއި އުރަހަ ލޮނުއަޅާ ހިއްކަން ބަހައްޓާފައި ހުރިތަން ފުލުހުންނަށް ފެނިފައިވާކަމަށެވެ. އެގޮތުން 92 މިޔަރު އުރަހަ އާއި މިޔަރު މަސްކަމަށް ބެލެވޭ 42 މަސްބުރި އެތަނުން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

މިމައްސަލަ އާއި ގުޅިގެން އުރަހަ އާއި މިޔަރުގެ މަސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަޙްޤީޤު ކުރަން ފަށާފައިވަކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ މިޔަރު ހިފައި ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމަކީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަނާކަމަކަށްވުމާއެކު ފަހަކަށް އައިސް މިޔަރު ހިފުމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް މަދުކަމަށެވެ.

މިޔަރު ޙިމަޔާތްކުރުމަށް ދިވެހިރާއްޖެއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއްގެ މައްޗަށް ބިނާވެގެންވާ ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ދިރުންތަކުގެ ތެރެއިން މަދުވެދާނެކަމަށް ބެލެވޭ އެކި ބާވަތްތައް ޤާނޫނި ބާރުގެ ދަށުން ވަނީ ޙިމާޔަތްކުރައްވާފައެވެ. މީގެތެރޭގައި ގިނައީ ކަނޑުގެ ދިރުންތައް. ރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ބާވަތްތަކުގެ ތެރެއިން ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވާ ބާވަތްތަކުގެ ތެރޭގައި މިޔަރާއި ވެލާ ހިމެނެއެވެ.