ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި، ސްރީލަންކާއާއި ބޫޓާންގެ ވާދަވެރި ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
މެޗު ފަށައިގެން މޮޅަށް ކުޅެ ފުރަތަމަ ލަނޑުޖެހީ ބޫޓާނުންނެވެ. މެޗު ފެށިގެންދިޔަ ގޮތުން، މި މެޗުން ބޫޓާން ތަފާތު ބޮޑު ފަރަގަކުން މޮޅުވާނެކަމަށް ބެލެވުނެވެ.
ބޫޓާނުގެ ފުރަތަމަ ލަނޑު، މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބުކޮށްދިނީ ޑިޓްސަން ޑޯޖީއެވެ. މިއީ އަރިމަތިން، އޭރިއާ ބޭރުން ވަރަށް ހަނި އޭންގަލްއަކުން ކައިރި ކަނަށް ބާރު ހަމަލާއެއް ފޮނުވާލައިގެން ޑިޓްސަން ކާމިޔާބުކުރި ލަނޑެކެވެ.
ބޫޓާންގެ މި ލަނޑާއެކު ލަންކާ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް، ގޭމްތެރެއަށް ވަދެ އެޓޭކުތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. ލަންކާއިން ކުޅުން ރަނގަޅުކުރި ނަމަވެސް ބޫޓާނުން ވެސް ދިޔައީ އެއްވާނެއްގައި ހަމަލާތައް އުފައްދަމުންނެވެ.
އައު ހިތްވަރަކާއެކު ކުޅެމުންދިޔަ ލަންކާއިން ވެސް ފުލުފުލުގައި ހަމަލާތައް އުފައްދަމުންދިޔައިރު، ލަނޑެއް ޖަހަން ކުރި މަސައްކަތުގައި އެ ޓީމަށް ކާމިޔާބީއަށް ވާސިލްވެވުނީ، ބޫޓާންގެ ކީޕަރު ތަންކޮޅެއް ކުރިއަށް އަރާ ހުރި ވަގުތު، ލަންކާގެ މުޙައްމަދު އާކިބް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ލަނޑަށްފަހު ލަންކާ ޓީމަށް ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ބޫޓާނުން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިމާ ވާންގްޑީއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަންކާއިން ވަނީ އަލުން ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ބޫޓާނުން ކުރި ފައުލު ހަމަވެގެން ލިބުނު ދުރު ޕެނަލްޓީއަކުން މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މުޙައްމަދު އާކިބް އެވެ.
2-2 އިން އެއްވަރުވެފައި އޮވެގެން ދެވަނަ ހާފު ފެށިއިރު މި ހާފުގައި ލަންކާއިން ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ. ބޫޓާނުގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ލަންކާއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ތިލްހަމްއެވެ.
ލަނޑެއް ޖެހުމަށްޓަކައި ބޫޓާނުން ވަނީ ޕަވާ ޕްލޭގެ ބޭނުންހިފާ އައުޓްފީލްޑް ކުޅުންތެރިއެއްގެ ގޮތުގައި ހުރި އަދި މެޗުގައި ލަނޑު ޖެހި ނިމާ ގޯލް ކީޕަރަކަށް އަރުވައި ކުރިއަށް ޖެހިގެން ކުޅެފައެވެ. އެޓޭކުތަކުގައި މުޅި ޓީމު ބައިވެރިވެގެން ކުޅެމުންދިޔައިރު މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ބޫޓާނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
މުބާރާތުގެ ފުރަތަމަ މެޗަށް ހަމަހަމަ ނިމުމެއް އައިއިރު، މިއަދު އަދި ދެ މެޗެއް އެބައޮތެވެ. އެގޮތުން 15:00 ގައި ބަންގްލަދޭޝްއާއި އިންޑިއާ ވާދަކުރާއިރު 18:00 ގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި ޕާކިސްތާނެވެ.
މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.