ޚަބަރު

ހައިކޯޓްގެ ގޮފިތަކާއެކު އިސްތިޢުނާފް ކުރެވޭ މައްސަލަތައް އިތުރު


ހައިކޯޓްގެ ގޮފިތައް ރާއްޖޭގެ 2 ސަރަޙައްދެއްގައި ޤާއިމުކުރެއްވުމާއެކު ދަށުކޯޓްތަކުން ނިންމަވާ މައްސަލަތައް އިސްތިޢުނާފްކުރާ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ޖުޑީޝަރީން ހާމަކުރައްވައިފިއެވެ.

ހައިކޯޓްގެ ގޮފިތައް ޤާއިމުކުރެއްވުމަށް ނިންމަވައި އެކަން އިޢުލާންކުރެއްވުމާއެކު ރައްޔިތުން ޢަދުލު އިންސާފު ހޯދުމަށް ބޭނުންވާ މިންވަރު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކަށް ރިޢާޔަތްކުރައްވައި ޑިޕާޓްމެންޓް އޮފ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. ކޯޓްތަކާބެހޭ ޤާނޫނަށް ގެންނެވި އިޞްލާޙާއެކު، ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ ގޮފިތައް ޤާއިމުކުރައްވަން ޖެހެއެވެ. އެގޮތުން ހައިކޯޓްގެ ދެކުނުގޮފި އައްޑޫސިޓީގައި ޤާއިމުކުރައްވައި ޝަރީޢަތްތައް ވަނީ ފަށްޓަވާފައެވެ. އަދި އުތުރު ގޮފީގެ ޝަރީޢަތްތައްވެސް ހދ. ކުޅުދުއްފުށީގައި ކައިރި މުސްތަޤްބަލެއްގައި ފެއްޓެވުމަށް ޖުޑީޝަރީން ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

ހައިކޯޓްގެ އުތުރު އަދި ދެކުނު ގޮތްޕަށް ހުށައެޅޭނީ އެގޮތްޕެއް ހުންނަ ސަރަޙައްދުގެ މެޖިސްޓްރޭޓް ކޯޓްތަކުން ނިންމަވާ މައްސަލަތައް އިސްތިއުނާފް ކުރުމަށެވެ. ޤާނޫނުން ހައިކޯޓަށް ލިބިދޭ ޙާއްޞަ އިޙްތިޞާސްތަކެއް އެކޯޓްގެ ގޮފިތަކަށް ލިބިދީފައެއް ނުވެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަނުން ޢާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހައިކޯޓްގެ ގޮފިތައް ޤާއިމުކުރެއްވިފަހުން އެސަޙަރައްދުގެ މެޖިސްޓްރޭޓް ކޯޓްތަކުން ނިންމަވާ މައްސަލަތައް އިސްތިޢުނާފްކުރާ މިންވަރު މިދިޔައަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް 119 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން ހައިކޯޓްގެ ދެކުނު ގޮތްޕަށް މިއަހަރުގެ މިހާތަނަށް 87 މައްސަލަ ހުށައެޅިފައިވާއިރު މިދިޔައަހަރު ހުށައެޅިފައިވަނީ 28 މައްސަލައެވެ. އަދި އުތުރު ގޮތްޕަށް މިއަހަރުގެ މިހާތަނަށް 40 މައްސަލަ ހުށައެޅިފައިވާއިރު މިދިޔައަހަރު ހުށައެޅިފައިވަނީ 30 މައްސަލައެވެ.

މިއީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ފަސޭހަކަމާއެކު ޢަދުލުއިންސާފަށް ވާޞިލުވުމުގެ މަގު ފަހިކޮށްދެއްވުމަށް ޝަރުޢީ ކޯޓްތަކުގެ ބެލެނިވެރިފަރާތް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވާ މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ޖުޑީޝަރީން ވިދާޅުވެއެވެ.

ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޝަރުޢީ ކޯޓްތަކުން މައްސަލަތައް ނިންމަވާ މިންވަރު އިތުރުކުރައްވައި، ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށް ސުޕްރީމް ކޯޓުން އިސްނަންގަވައިގެން ވަނީ މުހިންމު ކަންތައްތަކެއް ކުރައްވާފައެވެ. އޭގެތެރޭގައި ޝަރުޢީ ވަފުދުތައް އަތޮޅުތަކަށް ފޮނުންވުން ހިމެނޭ. ވޭތުވެދިޔަ 2 އަހަރެއްހާދުވެހުގެ ތެރޭގައި މިމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޝަރުޢީ ކޯޓްތަކުން މައްސަލަތައް ނިންމަވާ ނިސްބަތް ވަނީ އިތުރުވެފައެވެ. އަދި ގިނަދުވަސްވީ މައްސަލަތަކުގެ ޢަދަދު ވަނީ ވަރަށްބޮޑަށް ދަށްކުރައްވިފައިކަމަށް ޝަރުޢީ ދާއިރާގެ ޕާރފޯމަންސް ރިޕޯޓުން ދައްކައެވެ.

މާލޭގައި ހުންނަ ހައިކޯޓަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 383 މައްސަލަ ހުށައެޅިފައިވާއިރު އޭގެތެރެއިން 212 މައްސަލަ ވަނީ ބައްލަވައި ނިންމަވާފައެވެ.

މާލޭގައި ޤާއިމުކުރައްވާފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދު ތެރޭގައި ހިމެނެނީ މާލޭގެ ސުޕީރިއަރ ކޯޓުތަކާއި، ޅ، ކ، އ، ވ މ، ފ، ދ، ތ، ލ އަތޮޅެވެ. އައްޑޫސިޓީގައި ޤާއިމްކުރައްވާފައިވާ ހައިކޯޓު ދެކުނު ގޮފި ނިސްބަތްވާ ސަރަޙައްދުގެ ތެރޭގައި ހިމެނެނީ ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަދި އުތުރު ގޮފި ނިސްބަތްވާ ސަރަޙައްދު ތެރޭގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އަދި ބ އަތޮޅެވެ.