ޚަބަރު

"ހެދުން އެޅުމަށް ގެނައީ މުޖުތަމަޢު ޤަބޫލުކުރާ ބަދަލުތަކެއް"


  • ދެޖިންސުގެ މީހުން ހެދުން އަޅަންޖެހޭ ގޮތް ޤަވާޢިދުގައި ބަޔާންކޮށްފައިވޭ

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ގެނެސްފައިވަނީ މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ބަދަލުތަކެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމާއިބެހޭ ޤަވާއިދު އިސްލާޙު ކުރީ، ޑިސެންބަރު މަހުގެ 31 ގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ، މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ޙިއްސާ ކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ސަރުކާރާ ޙިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި އެންމެ ބޮޑަށް ދިމާވަނީ ގައިގެ ވަނާތައް އެނގޭ ގޮތަށް ހެދުން އެޅުމާއި، ބޮލުގައި ކުލަ ޖެއްސުމުގެ މައްސަލަތައް ކަމަށެވެ. މީގެއިތުރުން ތުނި ހެދުންލުމާއި، އެކި ކަހަލަ ޖިންސުލުމުގައި އަޚްލާޤީ މިންގަނޑުން ބޭރުވާނެ ގޮތަށް ހެދުން އެޅުމުގެ މައްސަލަތައް ކަމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ގެނައި ބަދަލަކީ، މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ބަދަލުތަކެއްކަން ފާހަގަކުރައްވާ އެ ކޮމިޝަނުން ވިދާޅުވީ، މުވައްޒަފުން ހެދުން އަޅާ ގޮތަކީ، މަސައްކަތުގެ އަޚްލާގުގެ ބައެއް ކަމަށެވެ. އަދި ގެނައި ބަދަލާއި އެއްގޮތަށް ޢަމަލު ނުކުރާ މުވައްޒަފުންނަށް ނަސޭހަތްދީ ރަނގަޅު ނުވެއްޖެނަމަ، ފިޔަވަޅު އެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހެދުން އެޅުމުގެ މިންގަނޑަށް ގެނައި ބަދަލާއެކު، ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި، ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައެވެ. އަދި ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި، ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި، ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެ ކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

އަދި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުން ކުރަންވާނީ، ދިގު ހެދުމެއް، ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެކެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގެ ތެރެއިން ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ސަޢީދު ވަނީ ހެދުން އެޅުމުގެ މިންގަނޑަށް ގެނެސްފައިވާ ބަދަލުތަކަށް ޢަމަލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

" މިހާރު ގެނެވިފަ މިހުރި ބަދަލުތަކަށް ސަމާޅުވުން މުހިންމު، މިސާލަކަށް ފިރިހެނުން ޓައި ބޭނުންކުރާއިރު ކާޓޫނެއް ނުވަތަ އަދަބާ ޚިލާފު އެއްޗެއް ލިޔެފަ ހުންނަ އެއްޗެއް ބޭނުން ނުކުރުން. އެ އިދާރާއަކުން ކަނޑައެޅިފައި އޮންނަ އުސޫލަކުން ހެދުން އެޅުމަށް. ރީތި ސާފުތާހިރު ހެދުމެކޭ ލާންވާނީ. އެކަށީގެންވާ ސާފުތާހިރުކަމެއްގައި ބޮލާއި، ތުނބުޅި ހުންނަންވާނީ". ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ.

ދިވެހި ސިވިލް ސަރވިސްގައި 31،575 މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. މިއީ ވަޒީފާގެ އޮނިގަނޑަށް ބަލައިލާއިރު، އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ އެއް ދާއިރާއެވެ.

ދިވެހި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ސިވިލް ސަރވިސްގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ ޚިދުމަތްތަކެއްގެ ގޮތުގައި ހެދުމަށް ސިވިލް ސަރވިސް ކޮމިޝަނުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.