ޚަބަރު

ވޯޓާސް ލިސްޓަށް މިހާތަނަށް 128 ޝަކުވާ


  • ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެފަހު ތާރީޙަކީ މިމަހުގެ 18 ވަނަ ދުވަސް

  • ލިސްޓަށް އުނިއިތުރެއް ގެންނަނަމަ ރަސްމީ ލިޔުމެއް ބޭނުންވާނެ

މިއަހަރުގެ އެޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 128 ޝަކުވާއެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުރިއަށް އޮތް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުން ލިސްޓް އާންމުކޮށް، އަދި ޝަކުވާއަށް ހުޅުވާލާފައެވެ. އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުގެ 3:00 ނިޔަލަށް އެކޮމިޝަނުން ހުޅުވާލާފައިވާއިރު މިހާތަނަށް ލިސްޓަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެކޮމިޝަންގެ ޑިރެކްޓަރ އާމިނަތު އަޒީފާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލިސްޓަށް ގިނައިން ހުށަހަޅާފައިވާ ޝަކުވާތަކަކީ ނިޔާވެފައިވާ ފަރާތްތަކާއި ގުޅޭ މަޢުލޫމާތާއި އަދި އެޑްރެސްގެ މައްސަލަތަކުގައި ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް 128 ޝަކުވާއެއް ލިބިފައިވަނީ. ޖުމްލަ ގޮތެއްގައި ބަލާއިރު ލިސްޓުގައި މިއޮތް މައުލޫމާތު އެޑްރެސް ނޫނީ ނިޔާވެފައިވާ ފަރާތްތަކުގެ މައުލޫމާތު ހިމެނުމުން އެއާއި ގުޅޭގޮތުން ޝަކުވާ މިއަންނަނީ. މައި ޕޯޓަލް މެދުވެރިކޮށް ދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ" އަޒީފާ ވިދާޅުވިއެވެ.

ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ނުވަތަ ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށްވެސް ވިދާޅުވިއެވެ. އިލެކްޝަންސްއިން ވިދާޅުވީ ރަސްމީ ލިއުމެއްގެ ގޮތުގައި ބަލައިގަންނާނީ އައިޑީ ކާޑު ކޮޕީއާއި، ރަށްވެހިކަމުގެ ލިއުމެއް ނުވަތަ ގޭގެ ރަޖިސްޓްރީ ނުވަތަ ސަރުކާރުގެ ކަމާއި ގުޅޭ އިދާރާއަކުން ދޫކޮށްފައިވާ ލިއުމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނެއް ނުވަތަ ފޮށި ބަލަން ބޭނުންވާ ފަރާތްތަކަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެންވެސް ބަލާލެވޭނެއެވެ.

ވޯޓާސް ލިސްޓާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.