ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންތިހާއަށް ބަރޯސާވެފައިވާ ސިނާއަތެކެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންނަށް ވަނީ ވަރަށް ހިތްދަތި ގޮތަކަށް ތަޖުރިބާކުރަން ޖެހިފައެވެ.
2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަރަމުން އައި ރާއްޖޭގެ ޖީ.ޑީ.ޕީ (ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް) ފުރަތަމަ ފަހަރަށް ދަށްވެ، އިޤުތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވިއެވެ.
އެހެންކަމުން އިޤުތިޞާދު ކުރިއެރުވުމަށްޓަކައި ރާއްޖެއަށް އާމްދަނީ އެތެރެކުރާ ހުރިހާ ދާއިރާތަކެއް ކުރިއަރުވަން ޖެހެއެވެ. ރާއްޖޭގެ ދެވަނަ އިޤްތިޞާދީ ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، މެރިކަލްޗަރ ފަދަ އައު ދާއިރާތަކުން ބޭރު ފައިސާ ހޯދޭނެ މަގުތައް ތަނަވަސްކުރުމަކީވެސް ޤައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، މިހާރު ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ ނުވަތަ ބޭރުގެ ބާޒާރަށް ވިއްކަނީ ކަޅުބިލަމަހާއި ބޮޑުކަންނެއްޔެވެ. ނަމަވެސް، މި ދެ ބާވަތުގެ މަސްވެރިކަމުންވެސް އެންމެ އެކަށީގެންވާ ނަފާ ނުލިބޭކަން ފާހަގަކުރެވެއެވެ. މީގެ މައިގަނޑު ސަބަބުތަކަކީ މަސް ފިނިކޮށް ރައްކާކުރުމުގެ ވަސީލަތްތައް މަދުވުމާއި، މަހަށް އަގުއެއްކޮށް ބަންދުކޮށްގެން ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގައި ހުރި ގޮންޖެހުންތަކެވެ.
ބައިނަލްއަޤްވާމީ ބާޒާރުގައި 'ޕޯލް އެންޑް ލައިން' އަދި 'ހޭންޑް ލައިން' މަސްވެރިކަމުގެ އުފެއްދުންތަކުގެ ގާތްގަނޑަކަށް 50 އިންސައްތަ ހިއްސާކުރަނީ ރާއްޖެއިން އެކްސްޕޯޓުކުރާ މަހެވެ.
ދުނިޔޭގެ ބާޒާރަށް ދިވެހިރާއްޖެއިން މިހާ ބޮޑު މިންވަރެއް ހިއްސާކުރި ނަމަވެސް، ރާއްޖެއިން ބޭރުކުރާ މަހުގެ އަގު ކަނޑައެޅުމުގެ ބާރެއް ދިވެހިރާއްޖެއަކަށް ނެތެވެ. މީގެ މައިގަނޑު ސަބަބަކީ މި ސިނާއަތުން އެންމެ އެދެވޭ ފައިދާ ހޯދުމަށް ބޭނުންވާ ވަސީލަތްތަކާއި ޤާބިލުކަން ރާއްޖޭގައި ނެތުމެވެ. މިގޮތުން ރާއްޖޭގައި މަސް ފިނިކޮށް ރައްކާކުރެވޭ މިންވަރަކީ އެންމެ 9,000 ޓަނެވެ.
މަސްވެރިކަން ރަނގަޅު މޫސުމެއްގައި އެންމެ ދެ ހަފުތާގެ ތެރޭގައި މަސް ރައްކާކުރާ ތަންތަން ފުރިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، ބާނާ މަސްތައް ވަގުތުން ބޭރަށް އެކްސްޕޯޓްކުރުން މަޖުބޫރުވެއެވެ. ނަމަވެސް، ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރަކީ ދުނިޔޭގެ އެހެން ސަރަހައްދުތަކުގައިވެސް މަސްވެރިކަން ތިޔާގި ދުވަސްވަރަކަށް ވާތީ، ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގު ދަށްވެއެވެ. މަސް ރައްކާކޮށްފައި ބެހެއްޓޭނެ ނިޒާމެއް ނެތުމުގެ ސަބަބުން، ބާޒާރުގައި އަގު ބޮޑުވާނެ ދުވަސްވަރަކަށް މަޑުކުރުމުގެ ފުރުސަތު ނުލިބި، ކުޑަ އަގުގައި މަސް ވިއްކަން ދިވެހިރާއްޖެއަށް މަޖުބޫރުވަނީއެވެ.
އެހެންކަމުން، މެރިކަލްޗަރ ފަދަ އާ ދާއިރާތަކަށް އިންވެސްޓްކޮށް، މި ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
މެރިކަލްޗަރއަކީ އެކުއަކަލްޗަރގެ އެއް ބާވަތެވެ. މި ދެ މަފްހޫމުގެ މައިގަނޑު ތަފާތަކީ ދިރޭ ތަކެތި އާލާކުރުމުގެ މާހައުލެވެ. އެކުއަކަލްޗަރއަކީ މީރުފެނުގައި އަދި ލޮނުފެނުގައި ދިރޭތަކެތި އާލާކުރުމެވެ. އަދި މެރިކަލްޗަރ އަކީ ލޮނުފެނުގައި ދިރޭތަކެތި އާލާކުރުމެވެ. ރާއްޖެފަދަ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމެއްގައި ކުރިއަށް ގެންދަނީ މެރިކަލްޗަރގެ މަސައްކަތްތަކެވެ. މެރިކަލްޗަރ (ކަނޑުފަޅުގެ ދިރުން އާލާކުރުން) އަކީ ލޮނުފެނުގައި ނުވަތަ ކަނޑުފަޅުގައި، ދިރޭތަކެތި އާލާކޮށް ބަހައްޓައިގެން ބޮޑުކުރުމެވެ.
މިގޮތުން މެރިކަލްޗަރގެ މަސައްކަތުގެ ދަށުން މޫދުގައި ނުވަތަ ކަނޑުގެ އައްސޭރިފަށުގައި ކޮށި ޖަހައިގެން، މޫދުގައި ދިރިއުޅޭ އެކި ބާވަތްތަކުގެ ދިރުންތައް އާލާކުރެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ކާބޯތަކެތި އުފައްދާ ސިނާޢަތްތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުންދާ އެއް ސިނާޢަތަކީ ކަނޑުފަޅުން ކާބޯތަކެތި އާލާކޮށް ދިރުވުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ތަސައްވުރަކީ ރާއްޖެއަކީ މެރިކަލްޗަރގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ހެދުމެވެ.
މެރިކަލްޗަރގެ ދަށުން ރާއްޖޭގައި އާލާކުރުމަށް ޚާއްސަކޮށްފައިވާ ބާވަތްތަކަކީ، ހުއިފިލަނޑާ، ފާނަ، ރަތްމަހުގެ އެކި ބާވަތްތައް، އިހީގެ ބާވަތްތައް، މޫދުވިނަ، ބޭންގު އަދި އިތާމުތް އަދި އެކި ބާވަތުގެ ކަކުންޏެވެ.
ތިމާވެށީގެ ނަޒަރަކުން ބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މައްޗަށްދިއުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމަށް އިންތިހާއަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ.
ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ވަރަކަށް، އިންޑިއާ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ވެސް މަތިވެ، ގިނަ ބާވަތްތަކުގެ މަސްމަހާމެހީގެ މައިގަނޑު މާޙައުލު ކަމުގައިވާ މުރަކަ ފަރުތައް ހަލާކުވުމަށް މަގުފަހިވެއެވެ. އެހެންކަމުން، މަސްވެރިކަމަށް ނުހަނު ބޭނުންތެރި އެއްޗެއް ކަމުގައިވާ އެން ލިބުން ދަތިވެގެންދެއެވެ. ފަރުތަކުގެ ތިލަ ހިސާބުތަކުން ފެންނަ އެމުގެ ބާވަތްތަކަކީ، ހޫނުމިން މަތިވުމާއި، މުރަކަ ހުދުވުމާއި އަދި ފަރުތައް ހަލާކުވުމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާ އެއްޗެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، އިންޑިއާ ކަނޑުގައި އުޅޭ ކަންނެލީގެ އާބާދީ ކަނޑުގެ ލޮނުގަނޑު ފިނި ހިސާބުތަކަށް ހިޖުރަކުރުމުގެ ފުރުޞަތު ބޮޑެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި (EEZ) ކަންނެލި އުޅޭ މިންވަރު މަދުވެ، ބާނާ މަހުގެ ޢަދަދު ދަށްވުމާއި، އާމްދަނީން ބޮޑު ބައެއް އުނިވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުތަކުގައި ކަންނެލީގެ ބާވަތްތައް އާލާވާ މިންވަރަށް އަސަރުކޮށް، މަސް ލިބޭނެ މިންވަރު ލަފާކުރުމަށް އިތުރަށް ދަތިވެއެވެ. މަސް އައިންތައް އުޅޭނެ ސަރަޙައްދުތައް ލަފާކުރަން ދަތިވުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަޞީލަތްތައް ބެލެހެއްޓުމަށް ރާއްޖެއަށް އޮތް ހުރަހަކަށް ވެދާނެއެވެ. އަދި މިއީ މި ސިނާޢަތް ދިގު މުއްދަތަކަށް ދެމިއޮތުމަށް އޮތް ބިރެކެވެ.
މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިޤުތިޞާދުގެ ދެވަނަ ތަނބުކަމުގައިވި ނަމަވެސް، މަސްވެރިކަން ދަށްވެގެން ދިޔުމަކީ ރާއްޖޭގެ އެތައް މަސްވެރިންނެއްގެ ޢާމްދަނީއަށާއި، ދިރިއުޅުމުގެ ޙާލަތަށް އަސަރުކުރާނެ ކަމެކެވެ. މިކަންކަމުން އަރައިގަތުމަށް އޮތް އެންމެ މުހިންމު ޙައްލަކީ މެރިކަލްޗަރގެ ސިނާޢަތް ކުރިއެރުވުމެވެ.
މެރިކަލްޗަރގެ އެހީގައި މަސްވެރިކަމުގެ ސިނާޢާތް އުފެއްދުންތެރި ސިނާޢަތަކަށް ބަދަލުކުރުމުގެ ނަތީޖާއަކީ، މަސްވެރިކަމަށް ބޭނުންވާ އެން ލިބުން ކަށަވަރުވެ، ފާނައާއި ހުއިފިލަނޑާ ފަދަ އަގުބޮޑު ބާވަތްތައް މެދުނުކެނޑި ލިބުމުގެ ފުރުޞަތު ފަހިވެގެންދިޔުމެވެ. މިފަދަ ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މަސްވެރިކަން ކުރުމަކީ، ކަނޑުގެ ހާލަތަށް އަންނަ ބަދަލުތަކާއިއެކުވެސް އިޤުތިޞާދީ ކުރިއެރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް އެންމެ އިތުބާރު ހުރި މަގެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތް ފުޅާކޮށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ. މިގޮތުން ސަރުކާރުން އެކުލަވާލައިފައިވާ ދިވެހި ރާއްޖޭގެ މެނިފެސްޓޯ 2023-2028 ގައި މި ސިނާޢަތް ކުރިއެރުވުމަށްޓަކައި ހަރުދަނާ ރޭވުންތަކެއް ހިމަނާފައިވެއެވެ. މި ރޭވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޢަމަލީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ.
މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ފަސް ސަރަޙައްދެއް މިކަމަށް ޚާއްޞަކޮށް ކަނޑައެޅުމާއިއެކީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން، ޚާއްޞަ ސްކީމްތަކެއްގެ ދަށުން މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ދޫކުރުމާއި، އަލަށް މެރިކަލްޗަރގެ ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ އިތުރުން ޚާއްސަ ލުއިތަކަކާއި އެކު ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި "އެސް.އެމް.އީ ޑިޖިޓަލް" އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއާއި ގުޅިގެން ހިންގާ މެރިކަލްޗަރ ސްކީމް ފާހަގަކޮށްލެވެއެވެ.
މި ސްކީމަކީ މެރިކަލްޗަރގެ ވިޔަފާރިތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ދިނުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ސްކީމެކެވެ. މި ސްކީމުގެ އިތުރުން، މެރިކަލްޗަރ ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވުމުގެ މަގްސަދުގައި، މި ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލްއިން ކުރިއަށްގެންދިޔަ 'މަހަ މަންފާ" ސްކީމްވެސް ހިމެނެއެވެ.
މެރިކަލްޗަރގެ މަސައްކަތްތަކުގެ ދަށުން 2025ވަނަ އަހަރު ފުރަތަމަ ފަހަރަށް ސިނާޢީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރިއެވެ. ހަމައެއާއެކު، މެރިކަލްޗަރގެ ދާއިރާއިން ދިވެހިން ތަމްރީނުކޮށް، މި މަސައްކަތަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމަށް ފުޅާދާއިރާއެއްގައި ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން 2025ވަނަ އަހަރު ވަނީ އަސާސީ މެރިކަލްޗަރ ކޯސްތަކެއް ކާމިޔާބުކަމާއިއެކީ ނިންމާފައެވެ.
މެރިކަލްޗަރގެ ދާއިރާ ތަރައްޤީވުމުން ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ވަޒީފާގެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. ދިރޭތަކެތި އާލާކުރާ ހެޗަރީތަކާއި އާލާކުރާ ތަކެތި ބެލެހެއްޓުމާއި އެތަކެތި ޕްރޮސެސްކުރާ ކާރުޚާނާތަކުން ގިނަ އަދަދެއްގެ ވަޒީފާ އުފެދޭނެއެވެ. މީގެ އިތުރުން، މި އުފެއްދުންތައް އުފުލުމަށްޓަކައި ޓްރާންސްޕޯޓްގެ ދާއިރާ ފުޅާވެ، އެ ދާއިރާއިންވެސް އައު ވަޒީފާތައް އުފެދި، ރަށްރަށުގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިވެގެންދާނެއެވެ.
އިޤްތިޞާދީ ނަޒަރުން ބަލާއިރު، މެރިކަލްޗަރގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުވެ، އެކި ދާއިރާތަކަށް ފުޅާވެގެންދާނެއެވެ. މިހާތަނަށް ރާއްޖެއިން ބޮޑަށް ބަރޯސާވަމުން އައީ ފަތުރުވެރިކަމަށާއި، ކަޅުބިލަމަހާއި ބޮޑުކަންނެލީގެ މަސްވެރިކަމަށެވެ. ނަމަވެސް، މެރިކަލްޗަރ މެދުވެރިކޮށް އެކި ބާވަތްތަކުގެ އުފެއްދުންތައް އުފައްދައި ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރުމުން، ރާއްޖެއަށް ބޭރު ފައިސާ ވަންނަ އިތުރު ދޮރުތަކެއް ހުޅުވި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މެރިކަލްޗަރއިން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިހާރު ރާއްޖޭގެ ރިސޯޓުތަކަށާއި ޢާންމު ބޭނުންތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ސީފުޑްގެ ބާވަތްތައް އެތެރެކުރަނީ ރާއްޖެއިން ބޭރުންނެވެ. އެހެންނަމަވެސް، ރާއްޖޭގައި މިފަދަ ބާވަތްތައް އާލާކުރަން ފެށުމުން، ބޭރުން އެތެރެކުރާ މިންވަރު މަދުވެ، އަމިއްލަ ފަސްގަނޑުން ތާޒާ ކާބޯތަކެތި ލިބޭނެކަން ކަށަވަރުވާނެއެވެ. މީގެއިތުރުން ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ކުރާ ހެޔޮ އަސަރެވެ. ހަމައެކަނި ކަނޑުމަހުގެ މަސްވެރިކަމަށް ބަރޯސާވުމަކީ އެ ބާވަތުގެ މަހުގެ އާބާދީއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ. ނަމަވެސް، މެރިކަލްޗަރގެ މަސައްކަތުން އެހެން ބާވަތްތައް އާލާކުރުމުން، ކަނޑުމަހުގެ އާބާދީއަށް ކުރާ ބާރު ކުޑަވެ، ކަނޑުގެ ދިރުންތަކުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެއެވެ.
މިހުރިހާކަމަކަށް ރިޢާޔަތްކުރާއިރު، ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތް ފުޅާކުރުމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަމަށްޓަކައި މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މެރިކަލްޗަރގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މޫދު ކަނޑުގެ ދިރުންތައް އާލާކޮށް، މުއްސަނދިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ފުރުޞަތު އެބައޮތެވެ.
މީގެ ސަބަބުން، ހަމައެކަނި ކަނޑުމަހަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައިސް، އިތުރު ބާވަތްތަކުގެ މޫދު ކާނާއާއި ބޮލި، އިހި، އަދި ފާނަ ފަދަ މާލީ ގޮތުން ބޮޑު އަގު ލިބޭ ބާވަތްތައް ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގެ ދޮރު ހުޅުވިގެންދާނެއެވެ. އެހެންކަމުން މެރިކަލްޗަރއަކީ ރާއްޖޭގެ 'ނޫ އިޤްތިޞާދު'ގެ އެންމެ މުހިންމު އެއް ބަހާއެވެ. މި ސިނާޢަތަށް ބޭނުންވާ ތަމްރީނާއި، މާލީ އެހީތެރިކަމާއި، އަދި ޒަމާނީ ވަސީލަތްތައް ޤާއިމުކޮށްދީފިނަމަ، ދިވެހިރާއްޖެއަކީ މޫދު ކާނާގެ ބާވަތްތައް އުފައްދައި ބޭރުކުރާ ސަރަޙައްދީ މަރުކަޒަކަށް ވުމުގެ ފުރުޞަތު އެބައޮތެވެ.
މިއީ ޤައުމުގެ ފުދުންތެރިކަން އިތުރުކޮށް، އަންނާން އޮތް ޖީލުތަކަށް ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި ކޮންމެހެން ކާމިޔާބުކުރަންޖެހޭ މިޞްރާބެކެވެ.