ދުނިޔެ

އެމެރިކާއިން ރަސްމީކޮށް ކިއުބާއަށް ވައިގެ ދަތުރުތައް ފަށައިފި


އެމެރިކާއިން ރަސްމީކޮށް ކިއުބާއަށް ވައިގެ ދަތުރުތައް ފަށައިފިއެވެ. އެމެރިކަން އެއާރލައިންސްގެ ދެ ފްލައިޓް ވަނީ ކިއުބާގެ ދެރަށް ކަމަށްވާ އޯލްގުއީން އަދި ސީއެންފުއެގޯސްއަށް ޖައްސާފައެވެ. މިއީ ފާއިތުވި ބައި ޤަރުނުގެތެރޭގައި އެމެރިކާއިން ކޮމާޝަލް ދަތުރުތައް ކިއުބާއަށް ފެށި ފުރަތަމަ ފަހަރެވެ. އަދި މިއީ ކިއުބާއާއެކު ގުޅުން ބަދަހިކޮށް، ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުންދެޤައުމުގެ މެދުގައި ފުޅާކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކުރައްވާ މަސައްކަތަށް އިތުރުވި ބައެއް ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ. 

ކިއުބާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާގެ ރައްޔިތުން ފަތުރުވެރިންގެ ގޮތުގައި ކިއުބާއަށް ދަތުރުކުރުން އޮންނަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް އޮބާމާގެ ސަރުކާރުން މިހާރު ވަނީ 12 ކެޓެގަރީއެއްގެ ދަށުން އެމެރިކާގެ ރައްޔިތުންނަށް ކިއުބާއަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީފައެވެ. އެގޮތުން އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމާއި، ތަޢުލީމީ ބޭނުންތަކަށާއި، އިންސާނީ އެހީފޯރުވައިދިނުމުގެ ބޭނުންތަކަށް ކިއުބާއަށް ދަތުރުކުރުމުގެ ހުއްދަ އެމެރިކާ ސަރުކާރުން ވަނީ ދީފައެވެ. 

18 މަސް ދުވަސް ވަންދެން ދެޤައުމުން ކުރިއަށް ގެންދިޔަ ވާހަކަތަކަށްފަހު، ކިއުބާއާއި އެމެރިކާގެ ގުޅުން ރަނގަޅުވާން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.