ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް، ވިޔަފާރިތަކުގެ އަޑުއެހުމަށް ސިލްސިލާ ޑައިލޮގް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުން މުހިންމު ކަމަށް، ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށާއި އެކަން ކުރެވޭނީ ގަވާއިދުން ބައްދަލުވުންތައް ބާއްވައި ޚިޔާލު ހޯދާއިގެންކަމަށެވެ. އެހެންކަމުން 2026ވަނަ އަހަރާއި 2027ވަނަ އަހަރު، ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއެކު، ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަށް މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދެއްވާފައެވެ.
ދިވެހިރާއްޖޭގެ އަމިއްލަވަންތަ އުފެއްދުންތައް އިޝްތިހާރުކޮށް، ވިއްކައި، އެއިން ދިވެހި އުފެއްދުންތެރިންނަށް ނަފާ ހޯދަދިނުމުގެ މަގްސަދުގައި 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9ވަނަ ދުވަހު "އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި ވަނީ ޚާއްސަ މަރުކާއެއް އިފްތިތާހުކޮށްފައެވެ. އޮތެންޓިކް މޯލްޑިވްސްއަށް 6 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މި މަރުކާ ވެގެންގޮސްފައި މިވަނީ ރާއްޖޭގެ ފަންނުވެރިންނާއި، ކުދި ވިޔަފާރިތަކާއި، މަސައްކަތްތެރިން ރާއްޖެއާއި ރާއްޖޭން ބޭރުގެ ބާޒާރުތަކާ ގުޅުވައިދޭ އިތުބާރު ހުރި މަންސައަކަށެވެ.
2025ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްއަށް ހާސިލްވި އެންމެ ބޮޑު އެއްކާމިޔާބީގެ ގޮތުގައި ފާހަގަކުރެވެނީ، އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީ ވެފައިވާ ސަޕްލަޔަރުންނަށް ދުނިޔޭގެ މަޝްހޫރު އީކޮމަރސް ޕްލެޓްފޯމް، އަލީބާބާގައި ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދެވުމެވެ.
މިއަދު އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންގެ ގޮތުގައި 407 ވިޔަފާރިއަކުން ރަޖިސްޓަރ ވެފައިވެއެވެ. މީގެ ތެރެއިން 49 ވިޔަފާރިއަކީ ނިމުނު 2025 ވަނަ އަހަރު އަލަށް ރަޖިސްޓަރީކުރި ވިޔަފާރިތަކެވެ. އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންނަށް 2024ވަނަ އަހަރު 26.4 މިލިއަން ރުފިޔާ ދޫކުރިއިރު، މި އަދަދު 2025 ވަނަ އަހަރު 31.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
މީގެއިތުރުން، އޮތެންޓިކް މޯލްޑިވްސްއަށް މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި އޮތް ގޮންޖެހުމަށް ލުއި ހޯދަ ދިނުމުގެގޮތުން، އެ ފަރާތްތަކަށް ދޫކުރާ ފައިސާގެ މިންވަރެއް ޑޮލަރުން ދޫކުރުމަށް ފާއިތުވި އަހަރު ނިންމި މުހިންމު ނިންމުމާއެކު، ބޭރުން އެތެރެކުރާ މުދަލާއި ޚިދުމަތަށް ޑޮލަރުން ކުރަމުން އަންނަ މުޢާމަލާތްތައް ކުރުމުގައި ގިނަ ފަސޭތަކެއް ވަނީ ލިބިގެން ގޮސްފައެވެ.
އޮތެންޓިކް މޯލްޑްވްސްގެ މި ކާމިޔާބު ދަތުރާއެކު، މި މަރުކާ ވެގެންގޮސްފައިވަނީ އާމްދަނީގެ ފުރުސަތުތައް ހޯދައިދީ، އައު އީޖާދުތަކަށް ހިތްވަރުދީ، އަދި ސަގާފީ މަސައްކަތްތެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަޝްރޫއަކަށެވެ.
ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި މި އަހަރު ކަނޑައެޅިފައިވާއިރު މި އަހަރުވާނީ ދިވެހި އުފެއްދުންތެރިކަމަށް އުންމީދީ އަހަރަކަށްކަމަށް އޮތެންޓިކް މޯލްޑިވްސް އިން ވިދާޅުވެއެވެ. މި ފެށުނު 2026ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިތުރު ގައުމުތަކުގައިވެސް އޮތެންޓިކް މޯލްޑިވްސްގެ މަރުކާ ފުޅާވެގެންދާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ވިދާޅުވެއެވެ.
އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވަނީ 2025ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްގެ ބެސްޓްރ ސެލަރ އެވޯޑު 10 ފަރާތަކަށް ދީފައެވެ.