ޚަބަރު

މޯބައިލް އެޕްލިކޭޝަން އުފެއްދުމުގެ މުބާރާތެއް ބާއްވަނީ


އެޕްލިކޭޝަން އުފެއްދުމުގެ މުބާރާތެއް ބާއްވައި، އެންމެ މޮޅު ފަސް އެޕް، މި އަހަރުގެ ނޮވެމްބަރު މަހު އިންޑިޔާގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރގެ ނާއިބު ޢަބްދުﷲ މުޙައްމަދު ވިދާޅުވީ "ފައިވް ބެސްޓް އެޕް ޗެލެންޖް 2016" ގެ ނަމުގައި ބާއްވާ އެޕް އުފެއްދުމުގެ މުބާރާތަކީ ރާއްޖެއަށް މުޅިންއާ ސިނާޢަތްތައް ތަޢާރަފުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ބައެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވްލޮޕްމަންޓުގެ ދަށުގައި އޮންނަ "އީޑީ އިނޮވޭޓް" ބައިން އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 25 ގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ. އަދި އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައްވާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިމަހުގެ 20 ވަނަ ދުވަހު ބާއްވާ މި މުބާރާތުގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އިސްކަންދިން ނަމަވެސް މި މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.