ޚަބަރު

ދައުލަތައް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުލިބޭ


ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ފައިސާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަކުރައްވައި، އެފައިސާ އަނބުރާ ދައުލަތަށް ހޯދަންޖެހޭކަމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވާ ފައިސާ އަނބުރާ ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ހިންގާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައިވާ ކަންކަމާ ގުޅިގެން ދައުލަތައް އަނބުރާ ހޯދަންޖެހޭ ފައިސާތަކެއް ހޯއްދެވުމަށް މިދިޔަމަހު ފިނޭންސް މިނިސްޓްރީން ވަނީ 7 ފަރާތަކަށް ފައިސާ އަނބުރާ ދެއްކެވުމަށް އަންގަވާފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ޤާނޫނާ ޤަވާޢިދާ ޚިލާފަށް ހިންގާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ މާލީ މުޢާމަލާތްތަކުގެ ތެރެއިން، ދައުލަތުގެ ބައެއް އިދާރާތަކުން ޤަވާޢިދާ ޚިލާފަށް ފައިސާ ދީފައިވާކަމަށް ފާހަގަކޮށްފައިވާތީ މިފައިސާ އަނބުރާ ހޯއްދެއްވުމަށް ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ އިސް 7 ބޭފުޅަކަށް ވަނީ ނޯޓިސް ދެއްވާފައެވެ. އޭގެތެރޭގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ކެބިނެޓްގައި މަސައްކަތްކުރެއްވި ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ 3 އަހަރުގެ ތެރޭގައި ސަރުކާރުގެ ބެއްލެވުމުގެ ދަށުން ހިންގެވި ވުޒާރާތަކާއި، އޮފީސްތަކާއި، ކުންފުނިތައް، އަދި ސަރުކާރުގެ ބެއްލެވުމުގެ ދަށުން ވިލަރެސްކުރެއްވި އެކި ޕްރޮޖެކްޓްތަކުގެ ތެރެއިން ބައެއް ތަންތަނުގެ އޮޑިޓް ރިޕޯޓްތައް އޮޑިޓަރ ޖެނެރަލް ވަނީ ޢާންމުކުރައްވާފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާތަނަށް ޢާންމުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން 2009، 2010 އަދި 2011 ވަނަ އަހަރު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ހިންގެވި އެކި ޕްރޮޖެކްތަކުގެ އޮޑިޓް ރިޕޯޓްތައް ދައްކާގޮތުން ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުން ބޭރުން މާލިއްޔަތު ޤާނޫނާ ޚިލާފަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ބައެއް ވުޒާރާތަކުން ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ މާލީ ގިނަ މުޢާމަލާތްތަކެއް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަންކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައި މިކަންކަން އިތުރަށް ތަޙްޤީޤް ކުރެއްވުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.

img:http://s2.psmnews.mv/images/660x400/9742.jpg|ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - 2009.2010.2011 ވަނަ އޮޑިޓް ރިޕޯޓްގައި ރައީސް އޮފީހުގެ މައްސަލަތަކެއް ފާހަގަކޮށްފައިވޭ

ހާމަކުރެވިފައިވާ ރަސްމީ ރިޕޯޓްތަކުން ފާހަގަކުރެވުނު ގޮތުގައި 2009 ވަނަ އަހަރާ 2011 ވަނައަހަރާ ދެމެދު ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުން ޤާނޫނާ ޤަވާޢިދާ ޚިލާފަށް ހިންގާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ މާލީ މުޢާމަލާތްތަކުން 500 މިލިއަނެއްހާ ރުފިޔާ ދައުލަތަށް އަނބުރާ ހޯއްދެވުމަށް ވަނީ ލަފާދެއްވާފައެވެ.

2009 ވަނަ އަހަރާއި 2011 ވަނައަހަރާ ދެމެދު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ޤާނޫނާ ޤަވާޢިދާ ޚިލާފަށް ސަރުކާރުގެ ވުޒާރާތަކުން ކޮށްފައިވާ މާލީ މުޢާމަލާތްތަކަށް ބަލާއިރު، އެ މުއްދަތުގައި ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ މުޢާމަލާތްތަކެއް ކޮރަޕްޝަނަނަށް މަގުފަހިވެ ދައުލަތަށް ގެއްލުން ލިބޭގޮތަށް ކޮށްފައިވާތީ 61,804,327 (ފަސްދޮޅަސް އެއްމިލިއަން އަށްސަތޭކަ ހަތަރުހާސް ތިންސަތޭކަ ހަތާވީސް) ރުފިޔާ ދައުލަތަށް އަންބުރާ ހޯދުމަށް އެ މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ. ހަމަ އެއަހަރު އެޑިއުކޭޝަން މިނިސްޓްރީން ޤާނޫނާ ޚިލާފަށް ކޮށްފައިވާ މުޢާމަލާތްތަކުން 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯއްދެވުމަށް ލަފާދެއްވާފައިވެއެވެ.

2010 ވަނަ އަހަރު ހޯމް މިނިސްޓްރީން ކުރި މުޢާމަލާތްތަކުން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވެ ދައުލަތައް ގެއްލުންވާ ގޮތަށް މާލީ މުޢާމަލާތްތައް ހިންގާފައިވާތީ 45,526,530 (ސާޅީސްފަސް މިލިއަން ފަސްސަތޭކަ ސައްބީސްހާސް ފައްސަތޭކަ ތިރީސް) ރުފިޔާ އަބުރާ ހޯއްދެވުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ. ޑިފެންސް މިނިސްޓްރީން 5 މިލިއަނެއްހާ ރުފިޔާ ޤާނޫނާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާއިރު ސަރުކާރުގެ 100 ޕަސެންޓް ޙިއްޞާ އޮންނަ ކުންފުނިތަކުގެ ތެރެއިން އެމްޓީޑީސީން ޤާނޫނާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް 216 މިލިއަން ރުފިޔާ 2011 ވަނައަހަރު ހޭދަކޮށްފައިވެއެވެ. އަދި މިފައިސާ އަބުރާ ހޯއްދެވުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު އައްޑޫސިޓީގައި ބޭއްވި ސާރކް ސަމިޓައް ތައްޔާރުވުމުގެ ގޮތުން ހިންގެވި މަޝްރޫޢުތަކުގައި ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. 

img:http://s1.psmnews.mv/images/660x400/14710940238397.jpg|އައްޑޫ ސިޓީގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ / މިތަން އިމާރާތްކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ވަނީ އަމަލުކޮށްފައި

ސާރކް ސަމިޓްގެ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި ޢަދަދައްވުރެ އެތައް ގުނައެއް އިތުރަށް އޭރުގެ ސަރުކާރުން ޚަރަދުކޮށްފައިވެއެވެ. މި މަޝްރޫޢަށް ޤާނޫނާ ޤަވާއިދާ ޚިލާފަށް 436.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ ބައިބިލިއަނެއްހާ ރުފިޔާއެވެ. މީގެ އިތުރުން ސާރކް ސަމިޓައް އައްޑޫގައި ޢިމާރާތްކުރި ކޮންވެންޝަން ސެންޓަރުގެ މަޝްރޫޢު ޙަވާލުކުރި އަގަށްވުރެ އިތުރަށް 61 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔާއިން ޚަރަދުކުރައްވައި، 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމައެކަނި ކޮންވެންޝަން ސެންޓަރ އެޅުމަށް ޚަރަދުކޮށްފައިވާއިރު، މުސްތަޤްބަލުގައި އެތަނުން ދައުލަތަށް ފައިދާވާނެ ފަދަ ގޮތެއް އިންތިޒާމްކޮށްފައި ނުވުމަކީ ދައުލަތަށް ގެންލުން ލިބޭގޮތަށް ހިންގި ކަމެއްގެގޮތުގައިވެސް ސާރކް ސަމިޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ސާރކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ސިފައިން ކުރެއްވި މަސައްކަތައް އެހެން ކުންފުންޏަކަށް ފައިސާ ދީފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. މިކަންކަމުގައި އިހުމާލުވާ ފަރާތްތައް ބައްލަވައި ފިޔަވަޅު އެޅުއްވުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.

ރައީސް ނަޝީދު ސަރުކާރުގައި މާލޭގައި ޓާޓާ ކުންފުނިން އެޅި ފްލެޓްތައް އެޅުމަށް ޙަވާލުކުރި އެގްރީމެންޓްގައި ދައުލަތަށް ގެއްލުންވާގޮތަށް، މާލިއްޔަތު ޤާނޫނާ ޚިލާފު ކަންތައްތަކެއް ހުރިކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. ފްލެޓް އެޅުމަށް ޓާޓާ ކުންފުންޏާ ޙަވާލުކުރިއިރު، އެކުންފުންޏަށް ޢިނާޔަތްތަކެއް ލިބިދީފައިވާއިރު މިކަމުން ދައުލަތަށް ފައިދާއެއް ވެފައިނުވާކަންވެސް މާލޭ ހައުސިންގ މަޝްރޫޢުގެ ޚާއްޞަ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ފާހަކުރައްވާފައިވެއެވެ. އެގޮތުން މި މަޝްރޫޢުން ޓާޓާ ކުންފުންޏަށް މާލީ މަންފާގެ ގޮތުގައި 804 މިލިއަން ރުފިޔާ ލިބޭނެކަމަށް އޮޑިޓަރ ޖެނެރަލް ލަފާކުރައްވާފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14604325520026.jpg|އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް / ޖީއެމްއާރަށް އެއަރޕޯޓް ދިނުމުގައިވެސް ޤާނޫނާ ޚިލާފް ކަންތައްތަކެއް ފާހަގަކޮށްފައިވޭ

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރ ކުންފުންޏަށް ދިނުމުގައިވެސް ޤާނޫނާ ޤަވާއިދާ ޚިލާފަށް ދައުލަތުގެ މާލިއްޔާއަށް ގެއްލުންވާނެ އެތައް މައްސަލަތަކެއް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާއިރު، މިފަދަ ކަންކަމުން ދިވެހި އިޤްތިޞާދަށް ލިބޭނެ ދިގުމުއްދަތުގެ ގެއްލުމަކީ ގުނާ ޢަދަދުކުރެވޭނެ ކަންކަމެއް ނޫނެވެ. އެގޮތުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ކުންފުންޏަކާ ޙަވާލުކުރިއިރު އެއަރޕޯޓްގެ އެކި ކޮންޕޯނެންޓްތަކުން ދިވެހި ކުންފުނިތަކަށާއި ދައުލަތަށް ފައިސާ ވަންނާނެ މަގު ވަނީ ބަންދުވެފައެވެ.

މިފަދަ އެތައް މައްސަލަތަކެއް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާތީ ދައުލަތުގެ މާލިއްޔާއަށް ގެއްލުންލިބޭގޮތަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި، އެފަދަ މުޢާމަލާތްތަކުން ދައުލަތަށް ވެފައިވާ ގެއްލުން އަނބުރާ ހޯއްދެވުމަށް ފިނޭންސް މިނިސްޓްރީން އިސްނަންގަވައިގެން ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ ކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ދައުލަތައްވެފައިވާ ގެއްލުން އަނބުރާ ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ފިނޭންސް މިނިސްޓަރ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައިވެއެވެ.

މިގޮތުން ނޯޓިސްދެއްވާފައިވާ 7 ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ފިޔަވައި އެއްވެސް ބޭފުޅަކު ފައިސާ އަނބުރާ ދައްކަވާފައެއް ނުވެއެވެ. މިފަދަ ފަރާތްތަކަށް މުއްދަތު ދެއްވުމަށްފަހު ފައިސާ އަނބުރާ ނުލިބިއްޖެނަމަ އެފަދަ ފަރާތްތަކާމެދު ދަޢުވާ އުފުއްލެވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށައަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.