ޢުމްރާނީ ތަރައްޤީގެ މަސައްކަތަކީ ރައްޔިތުން އެދޭ ޚިދުމަތްތައް، ރައްޔިތުންގެ އުއްމީދާއެއްގޮތަށް ވާސިލުކޮށްދިނުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްތަކެވެ. އެކަމަށް ބޮޑެތި ހޭދަތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މި އުއްމީދުތަކަށް ވާސިލުކޮށްދިނުމަށް އަދުގ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަނީ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުތަކެވެ. މިއަހަރަށް ކަނޑައެޅި ބަޖެޓަށް ބަލާއިރުވެސް ހަމައެކަނި ޕީއެސްއިޕީއިން ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އެކަނިވެސް ބައި ބިލިއަނެއްހާ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މިވަގުތަށް ބަލާއިރުވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ބިން ހިއްކުމުގެ ބިޔަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. މީގެތެރެއިން ރަސްމާލެ މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ކުރިއަށްދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ.
1009 ހެކްޓަރަށް ތަރައްޤީކުރާ މި ރަށުގައި، މިހާތަނަށް 280 ހެކްޓަރުގެ ބިން މިވަނީ ހިއްކާ ނިންމާފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ 12 ސަރަޙައްދަކަށް ބަހާލައިގެނެވެ. ރަސްމާލެއަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެންނާނެ މަޝްރޫޢުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައެވެ. މި މަޝްރޫޢުގެ ދަށުން ގެދޮރުވެރިކަމުގެ 65,000 އަށްވުރެ ގިނަ ފުރުޞަތު ޔަޤީންވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދެއެވެ. އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ވަނީ އަލުން ބާރުސްޕީޑުގައި ފަށާފައެވެ.
މި މަޝްރޫޢުގައި ހުޅުމާލެއިން 63 ހެކްޓަރުގެ ބިން ހިއްކާއިރު، މިހާތަނަށް 49 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ ޢަމާޒެވެ. މި ބިން ޚާއްސަކުރަނީ ނިމުނު ސަރުކާރުގައި ބިން ނުހިއްކާ ކަނޑައެޅި ގޯތިތައް ދޫކުރުމަށެވެ.
ބިން ހިއްކުމުގެ މަސައްކަތުގެތެރެއިން މިދިޔަ ހަފްތާގައި ވަނީ ހއ. ދިއްދޫ އެއަރޕޯޓާއި އެރަށަށް ބޭނުންވާ އެހެނިހެން ކަންކަމަށް މަގުފަހިކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްވެސް ފަށާފައެވެ. މިއީ އަނެއްކާވެސް މުޅި އަތޮޅާއި ސަރަޙައްދުގެ ތަރައްޤީއާއި ގުޅިފައިވާ ބިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގައި ދިއްދޫން 115 ހެކްޓަރުގެ ބިން ހިއްމައެވެ. އަދި ބޯހިޔާވަހިކަމާއި ރަށުގެ ތަރައްޤީގެ މަސައްކަތްތަކަށްވެސް ބޭނުންވާ ބިން ހަމަޖެހިގެންދާނެއެވެ. މި މަޝްރޫޢުއާއެކު ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދި އިޤްތިޞާދީ ބޮޑު ކުރިއެރުމެއް އެ ސަރަޙައްދަށް އަންނާނެއެވެ.
މި މަޝްރޫޢުތަކަށް މިހާރު ބޭނުންކުރަމުން ގެންދަނީ މުޅި ދުނިޔޭގައިވެސް މި ފަދަ ތަންތަން ހިއްކުމަށް ބޭނުންކުރާ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ޑްރެޖަރުތަކެވެ. މިއީ ފަހަރަކު 46000 ކިއުބިކް މީޓަރުގެ ވެލި އެޅޭ ޑްރެޖަރުތަކެވެ. ބިން ހިއްކުމުގެ މަޝްރޫޢުތަކާއެކު ތަރައްޤީގެ މުޅިން އައު ބާބެއް ފެށި، އުމްރާނީ ތަރައްޤީގެ ދާއިރާއިން ރާއްޖެ މީގެ ކުރިން ނުދެކޭފަދަ ކުރެއެރުން އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.