އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު 4-3 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މި މެޗުން ނިއުކާސަލަ ޔުނައިޓެޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ލީޑްސް އަށް 21 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ފަންސާސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި ލީޑްސްގެ ޑޮމިނިކް ކެލްވަޓް ލެވިން ދިން ޕާހަކުން ބްރެންޑާން އާރޮންސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ނިއުކާސަލްގެ ހާވޭ ބާރންސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ފަހަރަށް ލީޑްސް އިން ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޑޮމިނިކް ކެލްވަޓް ލެވިން އެވެ.
ނިއުކާސަލް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ޖޮއެލިންޓަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ލީޑްސް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 79 ވަނަ މިނިޓުގައި އާރޮންސޮން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ތިންވަނަ ފަހަރަށް ލީޑްސް އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުން ޕޮއިންޓެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ނިއުކާސަލް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިންޖަރީ ވަގުތުގެ ފުރަތަމަ މިނިޓޫގައި ބްރޫނޯ ގުއިމަރޭސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އިންޖަރީ ވަގުތުގެ 12 ވަނަ މިނިޓުގައި ބާރންސް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން ނިއުކާސަލް އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފަ އެވެ.