ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ އެޕާޓްމަންޓްތަކުގެ ތެރެއިން 1،055 އެޕާޓްމަންޓުގެ ތަޅުދަނޑި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ އެގްރީމަންޓުތަކުގައި ސޮއިކޮށް، ޑިޕޮޒިޓް ދައްކާފައިވާ އެންމެނަށްވެސް މިހާރު އެޕާޓްމަންޓުގެ ތަޅުދަނޑި ލިބޭނެ ތާރީޚު އެ ކުންފުނީގެ ފަހި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން، މިހާރުވެސް 2،349 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރަން ތާވަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވާތީ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލް ކުރާ ތާރީޚަށް، ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ މީހުންނަށް ލުއިތަކެއް ފަހިކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން، ޕޯޓަލް މެދުވެރިކޮށް އެހެން ތާރީޚަކަށް އެދުމާއި ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މިހާރުވެސް 1،055 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށް ނިމިފައިވާއިރު އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުވާލަކު 600 މީހުންނާ ތަޅުދަނޑި ހަވާލުކުރުން ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތްތައް އަވަސްކޮށް، މިހާރު ތަޅުދަނޑިތައް ކޮންމެ ދުވަހަކުވެސް ޝެޑިއުލްކޮށްގެން ހަވާލުކުރަމުން މިދަނީ. އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ ދުވާލަކަށް 600 ޔުނިޓު ހަވާލުކުރުން. މިހާރުވެސް 1،055 ޔުނިޓު މިވަނީ ހަވާލުކޮށްފައި،" އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާ ހަލުއިމިނަށް ބަލާއިރު މި މަހުގެ ފުރަތަމަ ދެ ހަފުތާ ނިމޭއިރު ޑިޕޮޒިޓް ދައްކާފައިވާ ހުރިހާ ފަރާތަކާ ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށް ލަފާ ކުރެވޭނެ ކަމަށެވެ.
އަމާން ދޯދި އަދި އަމާން އުދަރެސްގެ އެޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ހަމްދާން ވިދާޅުވީ ކުރީ ސަރުކާރުން އެ މަޝްރޫއުގެ ސްކޯޕްގައި ހިމަނާފައި ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓާއި، ފެނާއި ނަރުދަމާގެ މަސައްކަތް އޭރު ސްކޯޕްގައި ނެތުމުން އެ މަސައްކަތްތައް މި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ކަމަށާއި މިހާރު ދެ ތަނުގެވެސް ހުރިހާ ޓަވަރެއްގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އަމާން އުދަރެސް އަދި އަމާން ދޯދިން އެޕާޓްމަންޓު ލިބިފައިވާ ފަރާާތްތަކަށް ތަޅުދަނޑި ހަވާލުކުރަނީ ޑައުންޕޭމަންޓް ދައްކައި ނިމުމުންނެވެ. މި އެޕާޓްމަންޓުތައް ލިބުނު ފަރާތްތަކުގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް އަގުތަކަށް ބަދަލު ގެންނަވާފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭނީ މިހާރު ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާއެވެ.
މި ގެނައި ބަދަލުތަކާއެކު މިހާރު ޑައުންޕޭމަންޓުގެ ގޮތުގައި ކުރީގެ އަގުތަކާ އެއްގޮތަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓަށްވާ އަދަދު ކެނޑުމަށްފަހު ބާކީވާ ފައިސާ މަހު ކުލިން އުނިކުރުމަށް އެފްޑީސީން ވަނީ ނިންމާފައެވެ. ސަރުކާރުން ނިންމާފައިވާގޮތުގައި ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވަންދެން އެޕާޓްމަންޓުތަކަށް ކުލި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް އެ މުއްދަތުގައި މެއިންޓެނަންސް ފީ ދައްކަން ޖެހެއެވެ.