ތިމާވެށި

ފޮނަދޫގައި ކުނި މެނޭޖްކުރުން ލާމު ފާމަރސްއާ ހަވާލުކޮށްފި


ގާތްގަނޑަކަށް ދެ ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ލ. ފޮނަދޫގައި މީގެކުރިން އެކަށީގެންވާ ގޮތެއްގައި ކުނި ނައްތާލުމުގެ ކަންކަން ހަމަޖެހިފައި ނެތުމުގެ ސަބަބުން، މިރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާންޖެހެއެވެ. މި މައްސަލަ ހައްލުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރެވުނު ނަމަވެސް، މިކަމަށް އެދެވޭ ހައްލެއް ލިބިފައިނެތްކަން ފޮނަދޫ ކައުންސިލުން ފާހަގަކުރައްވައެވެ. 

އެހެންނަމަވެސް ރަށުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކޮށް، ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި މިހާރު މިވަނީ ދެމެހެއްޓެނެވި ނިޒާމެއްގެ ދަށުން ފޮނަދޫ ކުނީގެ ކަންކަން ބެލެހެއްޓުމަށް އަމިއްލަ ފަރާތަކާއި ރަސްމީކޮށް ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ލ. އަތޮޅުގައި ދަނޑުވެރިކަމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ލާމު ފާމަރސް ޑިވެލޮޕްމަންޓް ކޯރޕަރޭޓިވް ސޮސައިޓީއާއި ފޮނަދޫ ކައުންސިލާއި ދެމެދު މިވެވުނު އެއްބަސްވުމުގެ ދަށުން ގޭގެއިން ކުނި އުކާ ދިނުމާއި، ރައްކާތެރިގޮތުގައި އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. މިކަމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަން ފޮނަދޫ ކައުންސިލުން ފާހަގަކުރައްވައެވެ.

img:http://s2.psmnews.mv/images/660x400/14732396674817.jpg|ފޮނަދޫ / މިރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުން ބަޔަކާ ވަނީ ހަވާލުކޮށްފައި

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ލާމު ފާމަރސް ޑިވެލޮޕްމަންޓް ކޯޕަރޭޓް ސޮސައިޓީގެ ޗެއަރމަން މުޙައްމަދު ޒާހިރު ވިދާޅުވީ، އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑްގެ ހިލޭ އެހީގެ ދަށުން ފޮނަދޫގެ ކުނީގެ ކަންކަން ހައްލުކުރުމަށް ޚާއްސަ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ގޭގެއަށް ޑަސްބިން ހަދިޔާކުރުމާއި، ކުނިވާ ޒާތުގެ ކުންޏާއި، ކުނި ނުވާ ޒާތުގެ ކުނި ވަކިކުރެވި، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޒާހިރު ވިދާޅުވީ، ލ. އަތޮޅަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އަތޮޅަކަށްވެފައި، އެބޭފުޅުން މި މަސައްކަތް ކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ ކުނި ބޭނުންކޮށްގެން ދަނޑުވެރިކަމަށް ބޭނުންވާ އެކިކަހަލަ ކާދުގެ ބާވަތްތައް ތައްޔާރުކޮށް، އެތަކެތި އަގުހެޔޮކޮށް ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14732396867724.jpg|ފޮނަދޫ ކުނި ކޮށި

ލާމު ފާމަރސް އިން ބުނިގޮތުގައި ގޭގެއިން ކުނި އުކާލުމުގެ މަސައްކަތް ކުރާނީ އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ ފީއެއް ނަގައިގެނެވެ. އެގޮތުން އާއްމުން ދިރިއުޅޭ ގޭގެއިން 140 ރުފިޔާއަށް، ސަރުކާރު މުއައްސަސާތަކުން 500 ރުފިޔާ، އަދި ފިހާރަ، ހޮޓާ، ކެފޭފަދަ ތަންތަނަށް 200 ރުފިޔާގެ ރޭޓުން ފީއެއް ނެގުމަށް އެފަރާތުން ވަނީ ނިންމާފައެވެ. މި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ލާމު ފާމަރސް ރަޖިސްޓްރީވުމުން، ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީ.އެސް.އެމްގެ ޓީމުން ފޮނަދޫގެ ބައެއް އާއްމުންނާއި ވާހަކަދައްކާލުމުން އެނގިގެން ދިޔައީ މިއީ އެފަރާތްތަކުން ނުހަނު ބޭނުންވެފައިތިބި ކަމެއްކަމެވެ. މިފަދަ ޚިދުމަތެއް ދެމެހެއްޓެނިވިގޮތެއްގައި ލިބިގެންދިޔުމަކީ އެފަރާތްތަކުން ކުރާ އުއްމީދެކެވެ.