ބަލިމީހުންގެ ހަލާތު ގާތުން ބެލުމަށް ހޯމް ނަރސިންގ ކެއަރ ޚިދުމަތް ފެށުމައް ތައްޔާރުވަމުންދާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރު، ޑރ. އައިމިނަތު ޒޭބާ އަޙްމަދު ވިދާޅުވީ އެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާ ޚާސަ ބަލިމީހުންނަށް އަމާޒުކޮށްގެން ފަށާ، ހޯމް ނަރސިން ކެއަރގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، އެކަމަށް ބޭނުންވާ ނަރުހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ޑރ. ޒޭބާ ވިދާޅުވީ މިއީ އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ ޚިދުމަތެއް ނޫންކަމަށެވެ. އައިޖީއެމްއެޗްގައި އެޑްމިކޮށް ދޫކޮށްލެވޭ ޚާއްސަ ބަލިމީހުންނާއި ދިގު މުއްތަކަށް ބޭސް ފަރުވާ ކުރާ ފަރާތްތައް ފަރުވާއަށް ފަހު ދޫކޮށްލުމުން އެ ފަރާއްތަކުގެ ހާލަތު މި ޕްރޮގްރާމްގެ ދަށުން ގާތުން ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނަރުހުންގެ ޓީމުން ބަލިމީހާ ގެއައް ދޫކޮށްލުމުން 2 ދުވަސްތެރޭގައި 3 ފަހަރު މަތިން ގެއަށް ޒިޔާރަތްކުރާނެކަމަށް ޑރ. ޒޭބާ ވިދާޅުވިއެވެ. އެގޮތަށް ޒިޔާރަތްކުރާއިރު ބަލީމީހާ އޮންނަތަނަކީ އެކަށޭނަތަނެއްކަން ކަށަވަރުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބަލިމީހާއަށް އިތުރު ފަރުވާ ބޭނުންވާނަމަ ޑޮކްޓަރާއި މަޝްޗަރާކުރުމަށްފަހު، ނަރުހުން އެކަން ކުރަމުންދާނެކަމަށް ވިދާޅުވިއެވެ. ޒޭބާ ވިދާޅުވީ ބައެއް ފަރާތްތަކުން އެޑްމިޓްކުރުމަށްފަހު ދޫކޮށްލުމުން އަނެއްކާވެސް ހޮސްޕިޓަލަށް ގެންނަން ޖެގޭ ފަހަރު އަންނަކަމަށެވެ. އެހެންނަމަވެސް ހޯމްނާރސިން ކެއަރގެ ޚިދުމަތާއެކު ބަލިމީހާ ހޮސްޕިޓަލަށް ގެންނަންޖެހޭ ޖެހުން މަދުކޮށް ގޭގައި ބާއްވައިގެން ފަރުވާކުރެވޭނެކަމަށް ވިދާޅުވިއެވެ.
"ޚިދުމަތުގައި ފޯކަސްކުރަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރުރުމަށް ފަހު، ޑިސްޗަރޖް ކުރާ ބަލި މީހުންގެ ތެރެއިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ފަރާއްތަކަށް، ނަރުހުން އެގޭގެއަށް ޒިޔާރަތްކުރާނެ އެހެންވީމައި ޕޭސަސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދަނީ. ހުރިހާ މީހުނެއްނޫން. ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ މީހުން. ޑޮކްޓަރ ކަނޑައަޅާނެ ސަމާލުކަން ދޭން ޖެހޭ މީހުން" ޑރ. ޒޭބާ ވިދާޅުވިއެވެ.
ޑރ. އައިމިނަތު ޒޭބާ ވިދާޅުވީ ހޯމް ނަރސިންގ ކެއަރގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު އަމާޒަކީ އަންނަ ރޯދަމަހުގެ ތެރޭޣައި ނުވަތަ ރޯދަމަސް ނިމުމުން އެ ޚިދުމަތް ފެށުންކަމަށެވެ. އެގޮތުން އެ ޚިދުމަތާ ގުޅޭ ޕްލޭންތަކާއި ގައިޑްލައިންތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ޕްލޭންގައި ހޮސްޕިޓަލުގެ ޓީމުން ގޭގެއަށް ގޮސް ބަލާނެ ވަކި މުއްދަތެއް ވެސް ޕްލޭންތަކުގައި ހިމެނޭނެކަމަށް ޑރ. ޒޭބާ ވިދާޅުވިއެވެ.
މި ޙިދުމަތާއެކު ބަލިމީހުން ހޮސްޕިޓަލަށް ގެންނަންޖެހޭ ޖެހުން ބޮޑުތަނުން މަދުކުރެވޭނެކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއްވައެވެ.