ޚަބަރު

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނިމޭނެކަމުގެ ޔަގީންކަން!


  • އައު އިމާރާތާއެކު ކްރިމިނަލް ކޯޓުގެ މަސައްކަތް %140 ވަނީ ހަލުއިވެފައި

  • މިހާރު ބާކީ ނުނިމި އޮތީ ވާނުވާގެ 128 މައްސަލަ

  • މިއަހަރު ކޯޓުގެ ބެކްލޮގް އެއްކޮށް ކްލިއަރކުރެވޭނެ

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުން، ނުވަތަ ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ދިގުލައިގެން ދިއުމަކީ ޝަރުޢީ ދާއިރާގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. 2023ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ގިނަ ރައްޔިތުންތަކެއް މި މައްސަލަ ހައްލުކޮށް، މިހާރު އެފަދަ ބަންދުގައި ތިބި މީހުންގެ ޝަރީޢަތްތައް އަވަސްކުރެވޭނެ ގޮތް ހޯދައިދިނުމަށް އެދުނެވެ. މި މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް މިހާތަނަށް ދިގުލައިގެން ގޮސްފައިވަނީ ކޯޓުތަކަށް ބޭނުންވާ ޖާގަ ނެތުމުގެ ސަބަބުންނެވެ. ކްރިމިނަލް ކޯޓަކީ އެންމެ ގިނަ މައްސަލަތައް ބަލަމުން އަންނަ އެއް ކޯޓަށްވާއިރު އެ ކޯޓުގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށް އެކަށީގެންވާ ޖާގަ ނެތުމަކީ މައްސަލަތައް ލަސްވާ ލަސްވުމުގެ 50 އިންސައްތަ ހިއްސާވާ ސަބަބު ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ހައްލު ކުރުމުގެ ގޮތުން މިދިޔަ އަހަރު ތެރޭގައި ޖަސްޓިސް ބިލްޑިންގް އެނެކްސްއެއް ގޮތުގައި ހުޅުމާލޭގައި ކްރިމިނަލް ކޯޓުގެ ބައެއް ސަރުކާރުން ވަނީ ހުޅުވާފައެވެ. މި އިމާރާތުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ލިބިގެންދިޔަ ލުޔާއެކު އެ ކޯޓުގެ މަސައްކަތްތައް ވަނީ %140 ހަލުއިވެފައެވެ. ފުނިޖެހިފައި ހުރި މައްސަލަތައް މިހާރު ދަނީ ނިމެމުންނެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ 2025ވަނަ އަހަރުގެ ރިޕޯޓުން ދައްކާގޮތުގައި ގޮތުގައި އަހަރު ފެށި އިރު އެ ކޯޓުގައި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބި 272 މީހުންގެ މައްސަލަ ކުރިއަށްދިޔައެވެ. މީގެ ތެރެއިން އަހަރު ނިމުނުއިރު 144 މައްސަލައެއް އަހަރު ނިމުނުއިރު ވަނީ ނިންމާލާފައެވެ. މިހާރު ބާކީ ނުނިމި އޮތީ 128 މީހުންގެ މައްސަލައެވެ.

މި މައްސަލައާ ގުޅޭގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިވަގުތު ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ ޝަރީޢަތްތައް މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމި، އެ މީހުންނާމެދު ވަކި ގޮތެއް ކަނޑައެޅިގެންދާނެ ކަމަށެވެ. އެއަށްފަހު ބާކީ ތިބި ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އަންނަ މާޗު މަސް ނިމެންވާއިރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓު މަރުހަލާތައް ނިމޭނެކަމަށް. އެއަށްފަހު ބާކީ ހުރި ހުރިހާ އެންމެންގެ ކަންކަންވެސް ކުރިއަށްދާނެ ކަމަށް އޭޖީ އޮފީހަށް ވަނީ މައުލޫމާތު ލިބިފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާުޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރުތަކުންވެސް ދައްކަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތަށް ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް މިއަހަރު ހައްލެއް ލިބިގެންދާނެ ކަމެވެ. އެގޮތުން، ކޯޓުގެ ދުވެލި މިވަގުތު ހުރީ މަހަކު 175 މައްސަލަ ނިންމުމުގެ ބާރުމިނުގައި ކަމަށްވާއިރު ކޯޓުގައި އެކި މައްސަލަތައް ހިމެނޭހެން ނުނިމި އޮތީ ޖުމްލަ 1،735 މައްސަލައެވެ. އެހެންކަމުން މި އަންދާޒާގެ %85 އާ ހަމައަށް މަސައްކަތްތައް ކުރެވުނުކަމުގައި ވީނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތަށް މިއަހަރު، އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ ވާނުވާގެ މައްސަލައެއް ނިމޭނެ ކަމުގެ ޔަގީންކަން ކްރިމިނަލް ކޯޓުންވެސް ދެއްވައެވެ.

ކޯޓުގެ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރަކީ އެ ކޯޓުގެ ބެކްލޮގް އެއްކޮށް ކްލިއާކުރެވޭނެއެވެ. އެހެންކަމުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ދިގުލައި ނުނިމި އޮތް އޮތުން މިއަހަރު ތެރޭގައި ހައްލުވާނެކަން ނަންބަރުތަކުން ދައްކާ ކަމަށް ކްރިމިނަލް ކޯޓުންވެސް ވިދާޅުވެއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާ ކުރެއްވުމަށް އަދުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، މިއަހަރު ފުރަތަމަ ފަހަރަށް ސަރުކާރުގެ ނުފޫޒުން ޝަރުޢީ ދާއިރާ އެއްކިބާވެފައިވާކަން ކަށަވަރުކުރުމަށް އެ ދާއިރާއަށް ބްލޮކް ގްރާންޓެއް ވަނީ ކަނޑައަޅުއްވާފައެވެ. މިއަހަރުގެ ބަޖެޓުގައި އެ ދާއިރާގެ ބްލޮކް ގްރާންޓުގެ ގޮތުގައި 807.9 މިލިޔަން ރުފިޔާ ހިމަނާފައިވާއިރު އެ ދާއިރާއަށް ބޭނުންވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސްއެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.