ޚަބަރު

ކޯޓަށް ހާޒިރުކުރުމުން މަދޫރޯ ވިދާޅުވީ އޭނާގެ ކުށެއް ނެތް ކަމަށް


ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެމެރިކާއިން އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.

އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައެވެ. ދެ ބޭފުޅުން ގެންގޮސްފައި ވަނީ ނިއު ޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ. އަދި ޖަނަވަރީ މަހުގެ 5ވަނަ ދުވަހު މެންހަޓަންގައި ހުންނަ ފެޑެރަލް ކޯޓަކަށް މަދޫރޯގެ ދެކަނބަލުން ވަނީ ހާޒިރުކޮށްފައެވެ.

އެމެރިކާއިން މަދޫރޯއާ ދެކޮޅަށް އުފުލާފައި ވަނީ ޑްރަގް ވިޔަފާރިކުރުމުގެ ދައުވާއަކާއި ޑްރަގް ވިޔަފާރި ބޭނުންކޮށްގެން ނިރުބަވެރިކަމަށް ހިތްވަރު ދިނުމުގެ ދައުވާއެއް ހިމެނޭ ގޮތަށް ތަފާތު ހަތަރު ދައުވާއެކެވެ. ކޯޓު އަޑުއެހުމުގައި އެ ދައުވާތަކަށް އިންކާރުކުރައްވައި މަދޫރޯ ވިދާޅުވީ އޭނާގެ ކުށެއް ނެތް ކަމަށެވެ. އަދި އޭނާއަކީ ހުލްޤު ހެޔޮ ބޭފުޅެއް ކަމަށާއި، ވެނެޒުއެލާގެ ރައީސްއަކީ އަދިވެސް އޭނާ ކަމަށް މަދޫރޯ ވިދާޅުވެފައިވެއެވެ.

މަދޫރޯގެ އަނބިކަނބަލުން ސީލިޔާ ފްލޮރެސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް އެ ކަމަނާ ވެސް ވަނީ އިންކާރުކުރައްވައިފައެވެ.

ބައި ގަޑިއިރަށް ދެމިގެންދިޔަ އަޑުއެހުން ފެށުމުގެ ކުރިން ކޯޓުގެ ބޭރުގައި ގިނަ ޢަދަދެއްގެ މީހުން އެއްވެ އަޑުގަދަކުރަމުން ދިޔައެވެ. އޭގެ ތެރޭގައި މަދޫރޯއަށް ތާއީދު ކުރާ މީހުންނާއި އޭނާއާ ދެކޮޅު މީހުން ވެސް ހިމެނެއެވެ. މި މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މާރިޗު މަހުގެ 17ވަނަ ދުވަހަށެވެ.