ޚަބަރު

މީޑިއާ ވިލެޖު ގާއިމްކުރުމުގެ މަސައްކަތުގެ %70 ނިންމާލައިފި


  • މީޑިއާތަކަށް ފަސޭހަ ވާނެހެން އެތަނުގެ އިންތިޒާމުތައް ހަމަޖައްސާނެ

މީޑިއާތަކަށް ހާއްސަކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ ބޮޑުބައެއް ނިންމާލާފައިވާކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.

މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު އަދި މެޑިކަލް ކޮލެޖް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ނިންމައި، އެތަން ހިންގުމަށް "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޒުވާނުން ބާރުވެރި ކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަޙީދު ވިދާޅުވީ މީޑިއާތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އެގޮތުން މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މީޑިއާ ވިލެޖުގެ މަސައްކަތް ގާތް ގަނޑަކަށް 70 އިންސައްތަ ވަނީ ނިމިފައި. އަޅުގަނޑުމެންވެސް ކޮންމެ ދުވަހަކު އޭގެ އަޕްޑޭޓް ނަގަމުން މިދަނީ އެޗްޑީސީ މެދުވެރިކޮށް. މިހާރު އެތަނުގައި މިދަންނަވާހެން ބޮޑުބައި ނިމިއްޖެ އެއީ އެސްޓީއޯ ހޮޓާ ހުރިތަން. އޭގައި އަޅުގަނޑުމެން ނިމޭ ވަރަކުން މީޑިއާތަކަށް، ވަރަށް ލުއިފަސޭހަކޮށް އެތަނުގެ އިންތިޒާމުތައް ކުރިއަށް ގެންދާނަން" ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.


ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތް ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް އެތަނުގެ ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

ޤައުމު ތަރައްޤީކުރުމުގެ އައު އިސްތިރާޖީ ތަޞައްވުރުގެ ބައެއްގެ ގޮތުން، "މަންހަޓަން ގްރޭންޑު"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްޤީކުރާއިރު އެތަނުގެ 3.5 ފަންގިފިލާ ޚާއްޞަ ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށްވެ ވަޑައިގެންފައިވާ މުހިންމު 4 ވަޢުދު ފުއްދާ ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިޔާ ވިލެޖާއި މެޑިކަލް ކޮލެޖާއި ތަރިކަ ކޮލެޖު އެ އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން މީޑިއާ ވިލެޖު ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެކެވެ. އަދި މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ ފައިސާ ދެއްވުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އެގޮތުން މާލީ އެހީތެރިކަން ދިނުމަށްޓަކައި ޝަރުތުހަމަވާ މީޑިއާތައް ކަނޑައަޅައި އެ މަސައްކަތް ދަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުންނެއެވެ.

އެގޮތުން 39 މީޑިއާއަށް ފައިސާ ދިނުމުގެ މަސައްކަތް، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާއި ގުޅިގެން ކުރަމުން އެ ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.