ޚަބަރު

6 މަސް ތެރޭގައި 4 އަތޮޅެއްގައި ނާދީ ތަރައްޤީ ކުރަނީ


  • މިއަހަރު ނާދީ ތަރައްޤީ ކުރަނީ ލ، ދ، ރ އަދި ށ އަތޮޅުގައި

  • 74 ކައުންސިލަކުން ނާދީ ތަރައްޤީ ކުރަން ޝައުޤުވެރިކަން ފާޅުކޮށްފައިވޭ

އަތޮޅުތަކުގައި އިސްރަށްވެހިންގެ ނާދީ ތަރައްޤީ ކުރުމަށް ކައުންސިލްތަކުގެ ޝައުޤުވެރިކަން ބޮޑު ކަމަށާއި، މި އަހަރު 4 އަތޮޅެއްގައި ނާދީ ހުޅުވާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްރަށްވެހިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުޅެކެވެ. ސަރުކާރުން ވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒު ޤާއިމު ކުރުމަށް ނިންމަވާފައެވެ.

އިސްރަށްވެހިންގެ ނާދީ ތަރައްޤީ ކުރުމާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އިސްރަށްވެހިން އެ އުމުރަށް ދިޔުމުން ވަރަށް ބޮޑަށް އެކަނިވެރިކަން އިޙުސާސް ކުރާ ކަމަށެވެ. އަދި އެކަނިވެރިކަން ކުޑަ ކުރުމާއި، އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަ ކުރުމަށް އެ ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ ތަނެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި ހުޅުވާފައިވާ ނާދީތަކުގައި މުހިންމު ގިނަ ހަރަކާތްތަކެއް ކުރިއަށްދާ ކަމަށާއި، އިސްރަށްވެހިންނަށް ޚާއްސަ ކޮށްގެން ތަފާތު އެކި މުބާރާތްތައްވެސް ހިނގަމުންދާ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެެރޭގައި މިފަދަ އިސްރަށްވެހިންގެ ޖަގަހަތައް ޤާއިމް ކުރުމަށް އަތޮޅު ކައުންސިލްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިކަމަށް ކައުންސިލްތަކުގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެބައޮތް ކަމަށާއި، މިހާތަނަށް 74 ކައުންސިލަކުން ނާދީ ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

" ވަރަށް ބޮޑު ވިސްނުމެއް އަތޮޅު ކައުންސިލްތަކާއި އަތޮޅުގެ ހިނގުމުގައި ތިއްބަވާ ބޭފުޅުންގެ އެބައޮތްކަން. އެގޮތުން ގާތްގަނޑަކަށް 74 ކައުންސިލަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައި. އެތަންތާގައި ނާދީއެއް ފަދަ އިސްރަށްވެހިން އެއްވެލާނެ ތަނެއް ހެދުމަށް. އެހެންވީމައި އެބޭފުޅުންނާއެކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެކަން އެތުރިގެންދާނެ ގޮތަކަށް. މިހާރު ޝައުޤުވެރިކަން ފާޅުކުރައްވާ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެެރޭގައި 6 އެއްކަ މަސް ތެރޭގައި ނާދީއެއް އުފެދިދާނެ ތަންތަނުގެ މީހުންނާ އެކީގައި. ތަމްރީނުތަކެއް ހިނގިއްޖެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އުންމީދަކީ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ތަރައްޤީ ކުރާ ނާދީތަކުގައިވެސް އިސްރަަށްވެހިންނަށް ގިނަ ޚިދުމަތްތަކެއް ދިނުން ކަމަށެވެ.

މާލެ ސަރަހައްދުގެ އިތުރުން މި އަހަރު އިސްރަށްވެހިންގެ ނާދީ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ލ. އަތޮޅު، ދ.އަތޮޅު، ރ. އަތޮޅު އަދި ށ. އަތޮޅުގައެވެ. އެވުޒާރާއިން ވިދާޅުވީ، އަތޮޅުތަކުގައި ޤާއިމް ކުރާ އިސްރަށްވެހިންގެ ނާދީތައް ހިންގާނީ، އެ ރަށްރަށުގެ ކައުންސިލްތަކުން ކަމަށެވެ. އެހެންނަމަވެސް ހަރަކާތްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަން ވުޒާރާއިން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.