އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް، އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވާލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބިގެންދާ މިނިވަން ކަމަށް ކަމަށެވެ. އަދި ބްރެއިލްއަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލިބޭ އެއްޗެއް ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ފުރުޞަތުތައް ލިބިގެން ކަމަށެވެ.
ދިވެހިރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް ކަމަށާއި ކޮންމެ ނިންމުމެއްވެސް ނިންމަވާނީ އެންމެން ޝާމިލުވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދީ އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
On World Braille Day, we celebrate the power of Braille in opening doors to learning, independence, and dignity for persons with visual impairments. An inclusive society is one where everyone can access information and opportunities without barriers.
— Dr Mohamed Muizzu (@MMuizzu) January 4, 2026
Today, we reaffirm our… pic.twitter.com/jsxpHWGMmD
އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި، ރާއްޖޭގެ މުއައްސަސާތަކުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ އެކި ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އެކި ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ދަނީ ވަޒީފާގެ ފުރުޞަތުތައް ފޯރުކޮށްދެމުންނެވެ.
އަދި ރާއްޖޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ހޯދައިދިނުމަށް، ބްރެއިލް ބޭނުން ކޮށްގެން ވޯޓުލެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެކި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި ދަނީ ބްރެއިލް ބޭނުންކުރުންވެސް އިތުރުވަމުންނެވެ.
ބައިނަލްއަޤުވާމީ ގޮތުން ބްރެއިލް ދުވަސް ފާހަގަކުރަން ފެށީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމުގައި ބްރެއިލްގެ ބާރާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް، ބްރެއިލްގެ ބާނީ ލުއީސް ބްރެއިލްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔޭގެ ބްރެއިލް ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ.