ޚަބަރު

އެވިޑުން ލަންކާގައި ޤަވާއިދާ ޚިލާފަށް ޕްރޮގްރާމްތައް ހިންގި މައްސަލައެއް


  • ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިކަން ނުކުރަން އެކޮލެޖަށް ނަސޭހަތްތެރިވެފައިވޭ

  • ރާއްޖޭން ބޭރުގައި ޕްރޮގްރާމްތައް ހިންގުމުގެ ކުރިން އެމްކިއުއޭގެ ހުއްދަ ނަގަންޖެހޭ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ޤަވާއިދުތަކާ ޚިލާފަށް، އެވިޑު ކޮލެޖުގެ ޕްރޮގްރާމްތައް ސްރީލަންކާގައި ހިންގަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖޭގެ މަތީ ތަޢުލީމު ދޭ ހުރިހާ މަރުކަޒަކުންވެސް، ރާއްޖޭން ބޭރުގައި ޕްރޮގްރާމްތައް ހިންގުމުގެ ކުރިން އެމްކިއުއޭގެ ހުއްދަ ހޯދުމަށް އެ އޮތޯރިޓީން ވަނީ ތަކުރާރުކޮށް ޢިލްތިމާސްކޮށްފައެވެ.

އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އޮތޯރިޓީގެ އެކްރެޑިޓޭޝަން ޤަވާއިދާއި، "ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން"ގެ އިތުރުން، އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖޭން ބޭރުގައި ހިންގުމާބެހޭ ޤަވާއިދާ އެވިޑު ކޮލެޖުން ކަނޑައެޅިގެން ޚިލާފު ވެފައިވާ ކަމަށެވެ.

އެމްކިއުއޭއިން ވިދާޅުވީ، މިކަން ފާހަގަކޮށްފައިވަނީ އެވިޑު ކޮލެޖުން ހިންގުމަށް ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް، ސްރީލަންކާގެ "އެމަޒޯން ކޮލެޖު"އާއި "އަލްޒެޓް ޔުނިވަރސިޓީ"ގައި ހިންގައި، އެ ތަންތަނުން ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް އެވިޑު ކޮލެޖުގެ ސަނަދު ދީފައިވާކަން ފާހަގަވުމާ ގުޅިގެން ކަމަށެވެ. އަދި މިކަން ކަށަވަރު ކުރެވުނީ އެކި ޤައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި، ދަރިވަރުންގެ އިތުރުން އެވިޑު ކޮލެޖުން އެ އޮތޯރިޓީއާ ޙިއްސާކޮށްފައިވާ ލިޔެކިޔުންތަކުން ކަމަށެވެ.

މީގެ އިތުރުން، ސްރީލަންކާގެ "ޗެސްޓާ ކޮލެޖު އޮފް ހަޔަރ އެޑިޔުކޭޝަން"، "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް"، "އިނޮވޭޓަސް ކެމްޕަސް"، "ސިލޯން ކޮލެޖު އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް" ގައިވެސް އެވިޑު ކޮލެޖުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ބުނެ އިޝްތިހާރުކޮށްފައިވާކަން އެމްކިއުއޭއަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ. އެމްކިއުއޭއިން ވިދާޅުވީ، މި ތަންތަނަކީ ސްރީލަންކާގެ ކަމާބެހޭ މަތީ ތަޢުލީމުގެ އިދާރާތައް ކަމަށްވާ ޓީވީއީސީއާއި ޔޫޖީސީ ނުވަތަ އެޤައުމުގެ އެޑިޔުކޭޝަން މިނިސްޓްރީގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނެއް ނޫން ކަމަށެވެ.

އެމްކިއުއޭއިން ވިދާޅުވީ، 29 އޮގަސްޓް 2024 އިން ފެށިގެން މިކަންކަން އިސްލާޙު ކުރުމަށް އެވިޑު ކޮލެޖަށް ތަކުރާރުކޮށް އަންގައި ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެ އޮތޯރިޓީގެ އެއްވެސް ހުއްދައެއް ނެތި މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާކަން ލިޔެކިޔުންތަކުން ފެންނަން އޮތް ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ މަތީ ތަޢުލީމުގެ މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލި، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން ބޭރުގެ ދަރިވަރުން ރާއްޖޭގެ ސަނަދުތަކާ މެދު ސުވާލު އުފައްދައި، ސަނަދުތަކުގެ މަޤުބޫލުކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކޮށްފައެވެ. އެހެންކަމުން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑު ކޮލެޖަށް ވަނީ ނަސޭހަތްތެރިވެ، އެކަން އާންމުކޮށް އިއުލާނުކޮށްފައެވެ.