ޚަބަރު

މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން


  • 2.2 މިިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައި

  • އެންމެ ގިނައިން ފަތުރުވެރިން އައީ ޑިސެންބަރުގައި

މި ނިމިދިޔަ 2025ވަނަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް މުޅި ޖުމްލަ 2,246,516 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ 2024ވަނަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި 2,046,615 ފަތުރުވެރިންނާ އަޅާ ބަލާއިރު 9.8 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޑިސެމްބަރު މަހުއެވެ. އެގޮތުން އެމަހު އެކަނިވެސް ރާއްޖެއަށް 224,455 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރި އަދަދު:

* ޖަނަވަރީ: 214,863 ފަތުރުވެރިން
* ފެބުރުވަރީ: 214,091 ފަތުރުވެރިން
* މާރިޗު: 203,468 ފަތުރުވެރިން
* އެޕްރީލް: 198,322 ފަތުރުވެރިން
* މެއި: 135,614 ފަތުރުވެރިން
* ޖޫން: 141,772 ފަތުރުވެރިން
* ޖުލައި: 186,738 ފަތުރުވެރިން
* އޮގަސްޓް: 192,058 ފަތުރުވެރިން
* ސެޕްޓެންބަރު: 149,563 ފަތުރުވެރިން
* އޮކްޓޫބަރު: 190,445 ފަތުރުވެރިން
* ނޮވެންބަރު: 195,127 ފަތުރުވެރިން
* ޑިސެންބަރު: 224,455 ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރި 3 ގައުމު:

* ޗައިނާ: 329,428 ފަތުރުވެރިން
* ރަޝިއާ: 278,760 ފަތުރުވެރިން
* އިނގިރޭސިވިލާތު: 202,171 ފަތުރުވެރިން

މިދިޔަ އަހަރަކީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ޒިޔާރާތްކުރި ފަތުރުވެރިން ވަނީ ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8 ގެ އިތުރު އަދަދެކެވެ.