ޚަބަރު

"ލުއިތަކާއެކު ހުރަސްތައް ނައްތާލެވި ކުދި ވިޔަފާރިތަކަށް ބޮޑު ހިތްހަމަޖެހުމެއް"


  • މީގެ ކުރިން މިހާބޮޑު އިސްކަމެއް ދީގެން އެއްވެސް ވެރިއަކު މަސައްކަތް ނުކުރޭ

  • ރައީސް ގެންދަވަނީ އިޤްތިޞާދީ ހަރަކާތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން

ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ނަތީޖާ ނެރޭވޭނެ ފިޔަވަޅުތަކެއް މީގެ ކުރިން އެއްވެސް ވެރިއަކު އަޅުއްވާފައި ނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ، ތަރުޖަމާނު ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ ފަރާތްތަކުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން ކެބިނެޓުގައި ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މިކަމުގެ ތަފްސީލްތަށް ހާމަކުރައްވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވަނީ ވިޔަފާރިތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ގުޅުންހުރި އެކި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އޮފީސް އިސްވެ އިރުޝާދު ދެއްވި ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ހުށަހެޅި ޝަކުވާތަކަށް އިދާރާތަކުން ހައްލެއް ގެނައުމަށް އެދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިންވެސް އިޤްތިޞާދީ ވުޒާރާގެ ވަޒީރުކަން ކުރެއްވި ކަމަށާއި، ނަމަވެސް ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އަހަމީއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

"ރައީސް އަޑުއެއްސެވި އެވާހަކަ. މިއީ ދައުލަތުގެ އެކި އިދާރާތަކާއި ގުޅުން ހުރި ކަންކަން ވީމަ، ސީދާ ރައީސް އޮފީހުންވެސް އެކަމުގެ އިރުޝާދުތަކެއް ގޮސްފައިވަނީ އެކި އިދާރާތަކަށް. ކުދި ވިޔަފާރިތަކުން މި ޝަކުވާތައް އުފުއްލާފައޭ ވަނީ، މިކަމުގައި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް. މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު މިހާ ފޯކަސްޑްކޮށް މިހާ ނަތީޖާ ނެރެވޭ ގޮތަށް މިއިންތިޒާމުތައް ހަމަޖެއްސެވި ކަމަށް ޤަބޫލެއް ނުކުރެވޭ އެއްވެސް ޒަމާނެއްގައި. " ވަޒީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ވަޒީރު ވަނީ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް، އަލިއަޅުއްވާފައެވެ. ސަރުކާރުން މިހާރު ވައިގެ ބަނދަރާއި މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ޚިދުމަތް ދޭ ގަޑި އިތުރުކޮށް މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 3 ދުވަހާއި ގަޑިއިރުތަކުން 5 ދުވަހާއި ގަޑިއިރުތަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފައިސާ ނުލިބިވާ ކުންފުނިތަކަށް އެކަމުގައި ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މީރާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. މިކަންކަމުގެ ފައިދާ ވިޔަފާރިތަކަށް ވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މި ފިޔަވަޅުތަކީ ސަރުކާރަށް ގެއްލުންވާ ނުވަތަ އިތުރު ޚަރަދުތަކާއި ވަސީލަތްތައް ބޭނުންވާ ވަސީލަތްތައް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ކަމަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރު އަޅާ ފިޔަވަޅުތައް ހުއްޓުވައިގެން ކުދި ވިޔަފާރިތަކަށް ވާނީ ގެއްލުން ކަމަށެވެ. އެ ވިޔަފާރިތަކަށްވެސް ފަހި މާހައުލެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، އިޤްތިޞާދީ ހަރަކާތްތެރިކަން އިތުރުކޮށް އޭގެ މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

"ރައީސް ދިޔައީ އިންސްޓްރަކްޝަންތައް ދެމުން. ވާރުތަވި ވަރަށް ބޮޑު މައްސަލަތަކަށް ހައްލު ހޯއްދަދެއްވި. މިސާލަކަށް ފިޝާރީޒް ސެކްޓަރގައި ވެލިއު އެޑް ކުރާ ވާހަކަ ދައްކަނީ. އެކަމަކު މިހާރު އެކަން ކުރުމަށް މަސައްކަތް ކުރެވޭ. އިޤްތިޞާދީ މޫވްމެންޓާއި ދިމާއަށް ޤައުމު އެބަ ދުއްވާ. ދުއްވީމަ އޭގެ ނަފާ ލިބޭނީ ހުއްޓާލައިގެން ތިބެގެން ގެއްލުންވާނީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރާ އަންނަ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤައިމްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާނެ 2 އަހަރު ކަމުގައި ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި މިއަހަރު ފާހަގަކުރެވޭއިރު ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތައް މިހާރަށް ވުރެ ފުޅާކޮށް އެކަމުގެ ފައިދާ ވިޔަފާރިތަކަށް ވާނެ ގޮތަށް އިންތިޒާމުތައް ހަމެޖެހޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.