ޚަބަރު

މަމްދޫހަށް 397 އަހަރުގެ ހުކުމެއް، ޖައިޝާނަށް 157 އަހަރުގެ ހުކުމެއް


  • މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެފައިވާތީ މުދާ ދައުލަތަށް ނަގަން ޙުކުމްކޮށްފައިވޭ

  • ފައިސާ ނެގި މީހުންނަށް އަނބުރާ ފައިސާ ދެއްކުމަށް ވަނީ އަމުރުކޮށްފައި

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކު ރެޒިޑެންސްގެ ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫހާއި ޖައިޝާން ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެފައިވާތީ މަމްދޫހަށް 397 އަހަރުގެ ޖަލު ހުކުމެއް އަދި ޖައިޝާނަށް 157 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

މަމްދޫހާއި ޖައިޝާންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލީ މަމްދޫޙާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖު ކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ޙީލަތުން ޢާންމު ފަރާތްތަކަށް ވިއްކުމާ ގުޅިގެންނެވެ. މި މައްސަލައިގައި މަމްދޫހާއި އޭނާގެ ބައިވެރިން ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުޙުމަތު ކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމުގައި މަމްދޫހާއި ޖައިޝާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވަނީ ސާބިތުވެފައެވެ. އެގޮތުން މަމްދޫހުގެ މައްޗަށް ޓެކުންގެ 46 ދަޢުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑްރިންގެ 1 ދަޢުވާ ވަނީ ސާބިތުވެފައެވެ.

ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މަމްދޫހުގެ މައްޗަށް ސާބިތުވި ޓެކުމުގެ ކޮންމެ ދައުވާއަކަށް 8 އަހަރު ހިމެނޭހެން ޖުމްލަ 368 އަހަރުގެ ހުކުމެއް އިއްވާފައެވެ. އަދި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގައި 14 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގައި ދޮޅު އަހަރުގެ ޖަލުހު ހުކުމެއް އަދި މަނީ ލޯންޑަރިންގެ ކުށުގައި 15 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވާފައެވެ.

މީގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގައި މަމްދޫހުގެ މައްޗަށް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުކުރުކޮށްފައެވެ.

މި މައްސަލައިގައި ޖައިޝާންގެ މައްޗަށް ސާބިތުވި ޓެކުމުގައި ބައިވެރިވުމުގެ 45 ދަޢުވާއާ ގުޅިގެން 139 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދަޢުވާއާ ގުޅިގެން 13 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ދައުވާގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލައިގައި މަމްދޫހާއި ޖައިޝާން ފައިސާ ނެގި މީހުންނަށް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދިނުމަށްވެސް ވަނީ އަމުރުކޮށްފައެވެ.