މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ފެން އުފެއްދޭނެ އިންތިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން، އާރު.އޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ޢިމާރާތް، އަޅަނީ ހަވީރީ ހިނގުމުގައި އޮތް އެމް.ޑަބްލިޔު.އެސް.ސީގެ ބިމެއްގައެވެ. ސަތޭކަ ފަންސާސް ދުވަހުގެ ފުރިހަމަކުރާގޮތަށް، 3.8 މިލިއަން ރުފިޔާގެ މިމަޝްރޫއު ހަވާލުކޮށްފައިވަނީ އަލާފް ޕްރައިވެޓް ލިމިޓެޑާއެވެ.
މިކަމުގެ އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުއެވެ. އަދި އަލާފް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޝްރަފް ހާމިދުއެވެ.
މި ރަސްްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިކަމަކީ މާލޭގެ އިތުރު ދެ ސަރަޙައްދެއްގައި ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ މަގްޞަދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތެއްކަމަށެވެ. މި މަސައްކަތަކީ ގްރޭޓަރ މާލޭ ރީޖަންއަށް ރައްކާތެރިކަމާއެކު މެދުނުކެނޑި، ދާއިމީ ގޮތެއްގައި ފެން ފޯރުކޮށްދިނުމުގައި އެހީތެރިވާނެކަމެއް ކަމުގައި ފަޒުލް ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14731654807742.jpg|އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް
"މި މަސައްކަތް ކުރެވެމުންދާ އިރުވެސް އަޅުގަނޑުމެން ވަކި ހިސާބަކަށް ކޮންސްޓްރަކްޝަން ފެށުނީމަ އަޅުގަނޑުމެންގެ ކުދިން އާރޯ ޕްލާންޓް އިންސްޓޯލްކުރުމުގަ ނުނިއްޔާމުން ޓެކްނިކަލް ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް އިމާރާތުގެ އެތެރޭގައިވެސް ކުރަމުންދާނެ. މި ފުރުސަތުގައި އަޅުގަނޑު ޝުކުރުއަދާކުރަން ބޭނުން ވަނީ ސަރުކާރުން ދެއްވާ އެއްބާރުލެއްވުމަށް" ފަޒުލް ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީން މަޢުލޫމާތުދެއްވާ ގޮތުގައި ފިއުލް ސަޕްލައިގެ ހުޅަނގަށް އޮތް ބިމުގައި މިއަހަރު ފެށި 5000 ކިއުބިކް މީޓަރުގެ އާރު.އޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ މަސަައްކަތް މި އަހަރުގެ ނިޔަލަށް ނިއްމާލެވޭނެކަމަށެވެ. އަދި ފެން އުފެއްދުމުގެ ނިޒާމް ޤާއިމްކުރާ މި ޢިމާރާތްތަކުގައި އެންމެ ފަހުގެ ސެކިއުރިޓީ ސިސްޓަމް ޤާއިމް ކުރެވިގެންދާނެކަމަށްވެސް އެމްޑަބްލިޔުއެސްސީން ވިދާާޅުވެއެވެ.